16 ޖޫން 2016 - 21:42

ދީނީ މަގުސަދެއް އޮވެގެން ރާއްޖޭގައި ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް ވުރެ ސިޔާސީ ބޭނުމެއްގައި ޓެރަރިސްޓް ހަރަކާތެއް ހިންގުން ގާތް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ މިހާ ހިސާބަށް އައިރު ވެސް ރާއްޖޭގައި ބޮޑަށް ހިންގާފައި ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ހިންގާފައިވާ ޓެރަރިސްޓް ހަރަކާތްތައް ކަމަށެވެ. ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ހަގީގަތާ ހިލާފަށް، ކަންބޮޑުކޮށްގެން ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ފުރުސަތު ހޯދުމަށާއި އިސްލާމް ދީނާ ދެކޮޅު ފަރާތްތަކުގެ ސިޔާސީ ރުހުން ހޯދަންވެގެންނެވެ. އެ އަށް ވުރެ ބޮޑީ ސިޔާސީ ބޭނުމެއްގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ދިވެހި މުޖުތަމައުގެ ތެރޭގައި ތަފާތު ނޭދެވޭ އަދި ނޭއްގާނީ ހަރުކަށި އުސޫލްތަކާއި ފިކުރުތައް ފެތުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"މީގެ ތެރޭގައި ސިޔާސީ ގޮތުން ކަނޑައެޅިފައި އޮންނަ އިމުގެ ބޭރުން މަސައްކަތް ކުރުމާއި ދީނީ ގޮތުން ހިޔާލު ތަފާތުވެ، ހަރުކަށި ވިސްނުމާއި އެހެން ދީންތައް ރާއްޖެ ގެންނަން ކުރާ މަސައްކަތް ފާހަގަކުރެވޭ،" މިިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައާ މެދު ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުން އެ ކަންކަން ހުއްޓުވޭނެ ކަމަށެވެ.