ނައިފަރު ޖުވެނައިލް އަދި އެޓޯލް މެރިން
ސެންޓަރު (އޭއެމްސީ) ގުޅިގެން "ސިކްސް ސެންސަސް ކަނުހުރާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް" އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ. 

މިއީ އެ ފެސްޓިވަލް ބާއްވާތާ 10 އަހަރު ފުރޭ މުނާސަބަތެކެވެ. 

މި އިވެންޓު ދެ ދުވަހުގެ މުއްދަތަށް އިތުރުކުރަން ފެށީ 2023 ވަަނަ އަހަރުން ފެށިގެން "އެޓޯލް މެރިން
ސިމްޕޯޒިއަމް" އެ ހަރަކާތަށް އިތުރުކުރުމާ ގުޅިގެންނެވެ. މި ސިމްޕޯޒިއަމްގެ މަގުސަދަކީ
އެންޖީއޯތަކާއި، ކަނޑުގެ ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، ޖަމިއްޔާތަކާއި އާއްމުން އެއް މާހައުލަކުން ބައްދަލުކޮށް، ކަނޑުގެ
ދިރުންތައް ރައްކާތެރިކުރުމަށްޓަކައި މައުލޫމާތު ބަދަލުކޮށް، އަމަލީ ހައްލުތައް
ހިއްސާކުރުމުގެ ފުރުސަތު ދިނުމެވެ. 

މި އަހަރުގެ މި ފެސްޓިވަލްގެ މައިގަނޑު ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހޭނުމާއި ވިލުންވެރިކަން: ބަދަލުވަމުންދާ ދުނިޔެއެއްގައި ކަނޑުތައް" މި އެވެ. މި ތީމު ހިޔާރުކޮށްފައި ވަނީ ނައިފަރަށް ދިމާވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކުގެ މައްޗަށް ބިނާކޮށެވެ. އެރަށަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި ކަނޑުގެ ފިނިހޫނުމިން މަތިވުން، ގިރިފަރުގެ ގަލާއި މުރަކަ ހުދުވުން، ގިރުން، ފަސްފުޅާކުރުން އަދި ޕްލާސްޓިކް ޕޮލިއުޝަން ފަދަ މައްސަލަތައް ހިމެނެ އެވެ. 

މި އަހަރުގެ ސިމްޕޯޒިއަމް ހާއްސަކޮށްފައި ވަނީ މައިގަނޑު 3 ދާއިރާއަކަށެވެ. އެއީ:

  • ބަދަލުވަމުންދާ
    ރައްކާތެރިކަމުގެ އުސޫލުތައް: މި ތީމު ބިނާވެފައި އޮންނާނީ ދިރުންތައް ހިމާޔަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަން ޖެހޭކަން ބަލައިގަތުމުގެ މައްޗަށެވެ. މި ތީމުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ އެކު، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށް ބޭނުންކުރާ ސައިންސާއި ސްޓްރެޓެޖީތަކަށް ވެސް ބަދަލު ގެނައުމުގެ މައްޗަށް ބަލާލާނެ އެވެ. 

  • ކަނޑުގެ ދިރުންތައް އާ ބަދަލުތަކަށް ހޭނުން: މި ތީމުގެ ދަށުން މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ދިރުންތަކުގެ ތަބީއަތަށާއި އެ ދިރުންތައް އެ ބަދަލުތަކަށް ހޭނުމަށް ގުދުރަތީގޮތުން އަންނަ ބަދަލުތަކުގެ ދިރާސާތަކުގެ މައްޗަށެވެ. 
  • މީހުން، ދެކޭގޮތް އަދި
    އިސްނެގުން: މިއީ ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގައި އިންސާނުން އަދާކުރާ މުހިންމު ދައުރު މަޝްވަރާ ކުރާނެ ތީމެކެވެ. 

މި ފެސްޓިވަލަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ ޒިންމާ ހަނދާން ކޮށްދިނުމުގެ ގޮތުން، އާއްމުންގެ މެދުގައި އެކަމަށް ބޭނުންވާ އަހުލުވެރިކަން އިތުރުކޮށް، ކަނޑުގެ ދިރުންތަކާއި ގުޅޭ އެކި މައުލޫމާތު ފޯރުކޮށްދީ، އެފަދަ މައުލޫތަކަށް މަޝްވަރާކުރުމުގެ ފުރުސަތު ދޭ ހަރަކާތެކެވެ.