މިހާރު ކުރިއަށް ދާ "އުރީދޫ ނޭޝަން އަތޮޅު
އީސްޕޯޓްސް ލީގު 2026"ގައި 48 ޓީމަކުން ވާދަކުރަމުން އަންނަ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫން ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ މުބާރާތަށް ރާއްޖޭގެ އެކި އަތޮޅުތަކުން ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އެކި ރަށްރަށުގެ ބައިވެރިން ހިމެނޭ ގޮތަށް 48 ޓީމު މުބާރާތުގައި ވާދަކުރެ އެވެ.
އެ މުބާރާތުގައި ޓީމުތައް ހަ ގްރޫޕަށް ބަހާލައިގެން ކުރިއަށް ދާއިރު، އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގުގެ ޗެމްޕިއަންކަމަށް ވާދަކޮށް، 75 މެޗު ކުޅޭނެ އެވެ.
އުރީދޫން ބުނީ އަތޮޅު އީސްޕޯޓްސް
ލީގުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.
ކުޅުންތެރިންނަށް އެ މީހުންގެ އަމިއްލަ ރަށުގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު
ލިބޭ އިރު، މިއީ އީސްޕޯޓްސްގެ ތެރެއިން ރަށުގެ ފަހުރާއި އެކުވެރި
ވާދަވެރިކަން އާލާކޮށްދޭނެ މުބާރާތެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.
މި މުބާރާތަކީ 2025
ވަނަ އަހަރު ކާމިޔާބުކަމާ އެކު ބޭއްވި ފުރަތަމަ އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް
ލީގަށް ބިނާކޮށް ކުރިއަށް ގެންދާ މުބާރާތެކެވެ. ދެވަނަ އެޑިޝަނާއެކު އުރީދޫ
ނޭޝަންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުޅުންތެރިންނަށް
އިންތިޒާމުވެފައިވާ މުބާރާތްތަކުގައި ބައިވެރިވެ، ހުނަރު ތަރައްގީކޮށް އަދި
އަގުހުރި ވާދަވެރި ތަޖުރިބާތަކެއް ހޯދައިދީގެން ރާއްޖޭގެ ގޭމިން ދާއިރާ އިތުރަށް
ހަރުދަނާކުރުން ކަމަށް އުރީދޫން ބުންޏެވެ.
މުބާރާތުގެ މެޗުތައް
އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަމުން އަންނަ އިރު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސަޕޯޓަރުންނަށް އެ މީހުންގެ ރަށުގެ
ޓީމުތަކަށް ސަޕޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އަތޮޅު އީސްޕޯޓްސް
ލީގަކީ ދިވެހި ހުނަރުވެރިން ތަރައްގީކުރުމަށާއި ދިވެހި ގޭމަރުންނަށް މަތީ
ފެންވަރުގެ ވާދަވެރި މައިދާންތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫން ހާއްސަކޮށް ހިންގާ ގޭމިން އަދި އީސްޕޯޓްސް ޕްލެޓްފޯމް ކަމަށްވާ
"އުރީދޫ ނޭޝަން" ގެ ހަރަކާތެކެވެ.