ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ފުލުހުންނަށް އަންގައިފި އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޔާމީނަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުއްވީ ތަހުގީގަށް މައުލޫމާތު ހޯދަން ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރަން އުޅުމުންނެވެ. .
ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު އިއްޔެ ފުލުހުން ޔާމީންގެ ގެކޮޅަށް ދިޔަ އެވެ.
އެހެންވެ ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު މުހައްމަދަށް، ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވީ އިއްޔެގެ އެކި ވަގުތުގައި ފުލުހުން ވަނީ ޔާމީނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރުމަށް މަސައްކަތްކޮށްފައި ކަމަށެވެ.
ޔާމީނަކީ ގްރީން ބިލްޑިން ނުވަތަ ކުރީގެ ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް "މައުލޫމާތު ދެވިދާނެ މީހެއް" ކަމަށް އެ ޗިޓުގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލް ހަމްޒާ ލަތީފް، ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދަށް ފޮނުއްވި ސިޓީގައި، އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެއްވެސް އިތުރު މައުލޫމާތެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އެ މައްސަލައަކީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައެެއް ކަމަށާއި އެހެންވެ އެކަން ހިނގަން މެދުވެރިވި ސަބަބު ވެސް އެނގޭނީ ފުލުހުންނަށް ކަމަށް ޔާމީނާ ހަވާލާދެއްވައި އެ ސިޓީގައިވެ އެވެ.
"އާންމު މަހައްލެއްގައި ވެސް އަޅުގަނޑުގެ މުވައްކިލު ވިދާޅުވެފައި ވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގުކުރައްވާފައިވާ މައްސަލައެއްކަމަށްވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށެވެ." ސިޓީގައިވެ އެވެ.
ޔާމީންގެ ފަރާތުން އެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަކީ ބޭނުންތެރި ކަމެއްކަމަށް ފުލުހުން ވެސް ގަބޫލުނުކުރައްވާނެ ކަމަށް ސިޓީގައިވެ އެވެ.
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ވަނީ ފަށައިފަ އެވެ.
މިކަމާ ބެހޭ ގޮތުން އިހުސާން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ޔާމީން ވިދާޅުވި މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
އިހުސާން ކުރިން ވިދާޅުވެފައި ވަނީ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް އެނގިފައިވާ ކަމަށެވެ.