ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ، އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލުމަށް ކަމަށެވެ.
އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ސަރުކާރުން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީމަ މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ،"
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި އެމްޓީސީސީއާ އެއްކޮށްލުމުގެ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ.
ރައީސް ވިދާޅުވީ އެއް ކަމެއް ކުރާ އެހެން ކުންފުނިތަކެއް ހުރުމުން، ހަރަދުތައް ގިނަވަމުން އަންނަ ކަމަށެވެ. އެހެންވެ، ހަރުދަނާ ނިޒާމެއްގެ ދަށުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އެ ކުންފުނި އުވާލަން ނިންމެވިކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.
"އާރުޑީސީއަކީ އާންމު ގޮތެއްގައި މަގު ހަދާ ކުންފުންޏެއް. އެމްޓީސީސީއަކީ ވެސް މަގު ހަދާ ކުންފުންޏެއް. އަދި އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވެސް ވަރަށް ގިނަ. ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކާ މި ބަދަލު މި ގެންނަނީ."