އިންޑިއާގައި، ބައިވެރިޔާއަށް އަނިޔާކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހަކަށް ފުލުހުން އާންމުންގެ ކުރިމަތީގައި އަނިޔާކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފި އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމުން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.
ކުށުގެ ތުހުމަތުކުރެވޭ މީހުން އާންމުންގެ ތެރެއަށް ނެރެ ގަން ހިންގުވުމާއި އަނިޔާކުރުމަކީ، އެފަދަ ކަންކަން މަނާކޮށް ސުޕްރީމް ކޯޓުން ހުކުމްތައް ނެރެފައިވީ ނަމަވެސް އިންޑިއާގައި އާންމުކޮށް ހިނގާ ކަންކަމެވެ.
އޮފިޝަލުން ބުނި ގޮތުގައި އާންމުންގެ ކުރިމަތީގައި އެ މީހާއަށް އަނިޔާކުރީ އޭނާ ކުރި އަމަލުގެ ލާއިންސާނީކަން ބޮޑުކަމުންނެވެ.
ތުހުމަތުކުރެވޭ މީހާ ކަމަށްވާ ފައިސަލް ލަޚާނީގެ ހައްޔަރުކޮށްފައިވަނީ ގުޖުރާތުގެ ބާވްނަގަރު ކިޔާ އަވަށަކުންނެވެ. ފުލުހުން ހުކުރު ދުވަހު ވަނީ ލަޚާނީ ހާދިސާ ހިންގި ކަމަށް ބުނާ ތަނަށް އޭނާ ގެންގޮސް، ކަން ހިންގި ގޮތް އޭނާ ލައްވާ ތަމްސީލްކުރުވައިފަ އެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ އެ ސަރަހައްދުގަ އެވެ. އަދި އެ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވެފަ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ލަޚާނީގެ ދެއަތް ވާގަނޑުން ބަނދެފައި ވާއިރު، ޔުނީފޯމް އަޅައިގެން ހުރި ފުލުހަކު ދިޔައީ މުގުރަކުން އޭނާގެ ފަޔާއި ފޫކޮޅުގައި ތަަޅަމުންނެވެ. އަދި ބަސް ޓާމިނަލެއްގެ ތެރޭ ތެރޭގައި އޭނާގެ ފައިތިލައިގައި ވެސް ތަޅާތީ ފެނެ އެވެ.
"އަހަރެމެން އޭނާއަށް އަނިޔާކުރީ އަންހެނުންނާ ދެކޮޅަށް ކުރާ ކުށްތަކާ މެދު ސީރިއަސްކޮށް ފިޔަވަޅު އަޅާނެކަމުގެ މިސާލެއް ދެއްކުމަށާއި، އެހެން އެއްވެސް މީހަކު އެފަދަ ކުށެއް ކުރަން ޖެހިލުންވާ ވަރު ކުރަން،" ފުލުހުންގެ އޮފިސަރު ޑީ.ޕީ. އުނަދްކަތު ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުންޏެވެ.
"އަހަރެމެން މިހެން ކަންތައް ކުރުމުން، އެ މީހުން ފުލުހުން ދެކެ ބިރުގަންނާނެ" ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން އުނަދްކަތުއާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ފުލުހުންގެ އަމަލަށް ތާއީދުކޮށް ހިތްވަރު ދިންއިރު، އަނެއްބަޔަކު ވަނީ ފުލުހުން ކުށްވެރިކޮށްފަ އެވެ. އެ މީހުން ބުނެފައިވަނީ އެ މީހާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވެސް ނުވާ ކަމަށެވެ.
ބާވްނަގަރުގެ ފުލުހުންގެ ވެރިޔާ ނިތޭޝް ޕާންޑޭ އޭއެފްޕީއަށް ވިދާޅުވީ "މިކަމާ ގުޅޭގޮތުން އަހަރެން ދައްކާނެ އެއްވެސް ވާހަކައެއް ނެތް" ކަމަށެވެ. -- އޭއެފްޕީ