ރާއްޖޭގެ ގައުމީ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހުތުރު ބަހުން މުއާމަލާތްކޮށް، ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައިގައި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފި އެވެ.
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކުއަލިފައިންގެ މެޗަށް ފަހު އިމްރާންވަނީ، ރާއްޖޭގެ ޓީމާ އަމާޒުކޮށް ހުތުރު ބަހުން ވާހަކަ ދައްކައި އަޚްލާގީ މިންގަނޑުން ބޭރުން އުޅުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
މި މައްސަލައިގައ، ފުޓްބޯލް ސްރީ ލަންކާ (އެފްއެފްއެސްއެލް) އިން ވަނީ ވަގުތުން ފިޔަވަޅު އަޅާފަ އެވެ. އެފްއެފްއެސްއެލްގެ ރައީސް ޖަސްވާރު އުމަރު އަމިއްލައަށް އިސްނަންގަވައި މި މައްސަލައިގައި، ފިޔަވަޅު އަޅާފައިވާކަމަށްވެ އެވެ.
ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ އޮފިޝަލެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އިމްރާން ވަގުތުން މަގާމުން ވަކިކުރަން، ޖަސްވާރު އެންގެވިކަމަށް ލަންކާގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ބައެއް އޮފިޝަލުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މިޔަންމާގެ ޔަންގޮންގައި ކުރިއަށްދާ، އޭއެފްސީ ޑިވެލޮޕްމެންޓް ފޭސްގެ ކޮލިފައިންގައި ރާއްޖޭން ވަނީ 4-0 އިން ލަންކާ ބަލިކޮށްފަ އެވެ. މިއީ މިއަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ފަސްގަނޑުގައި 3-2 އިން ފަހަތުން އަރައި ލަންކާއިން ހޯދި މޮޅުގެ ބަދަލު ރާއްޖެއިން ހިފި މެޗެކެވެ.
އިމްރާންގެ ރުޅިވެރިކަން ފެޅިގެންދިޔައީ ކުރީގެ މެޗުގެ ނުތަނަވަސްކަމާ ގުޅުވަ އެވެ.
މޮޅާ އެކު ރާއްޖެ އާއި އެ ގުރޫޕްގެ ކޮލިފައިން ބާއްވާ މިޔަންމާ ވަނީ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކުއަލިފައިންގެ އަނެއް މަރުހަލާއިން ޖާގަ ކަށަވަރު ކޮށްފަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް މި ދެ ޓީމު މާދަމާ ބައްދަލުކުރާނެ އެވެ.
އަނެއްކޮޅުން، ވިދިވިދިގެން ދެ މެޗުން 4-0 އިން ބަލިވެ، ލަންކާ އޮތީ ގްރޫޕްގެ ފުލުގަ އެވެ. ލަންކާގެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ބްރޫނާއީއާ ދެކޮޅަށެވެ.