19 އެޕްރީލް 2017 - 20:33

މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކުންފުނިތަކަށް ހުޅުވާލައިގެން ވޯކްޝޮޕަކާއި ގުރުއާން ކިޔެވުމުގެ މުބާރާތެއް ބާއްވަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ނިންމައިފި އެވެ.
އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިހެން ވިދާޅުވީ 1438 ވަަނަ އަހަރުގެ ރަމަޟާން މަހު އެ މިނިސްޓްރީން ބާއްވަން ހަމަޖައްސައިފައިވާ ޕްރޮގްރާމް ތަކާއި ބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ވަނީ މިއަހަރު ވެސް އޮފީސް ތަކުން ބާއްވާ މާހެފުންތަކަށް ދީނީ ނަސޭހަތް ދެއްވާނެ ބޭފުޅުން ފޮނުވާނެ ކަމަށް ވިދާާޅުވެފައެވެ.
މިބައްދަލުވުމުގައި އާއްމުގޮތެއްގައި ވާހަކަ ދެއްކީ މިއަހަރުގެ ރަމަޟާން މަހު ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކި އެކި ހަރަކާތްތަކުގައި ކުންފުނިތަކާއި ޖަމިއްޔާ ތަކުން ބައިވެރި ވެވޭނެ ގޮތްތަކާއި ބެހޭގޮތުން ނެވެ.
އެމިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހު ކުންފުނިތަކާއި ޖަމިއްޔާ ތަކުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށްވެސް މިދިޔަ އެހެން އަހަރު ތަކުގައި ދިންފަދަ ތަރުހީބެއް ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ދިމާކޮށް އިސްލާމިކް މިނިސްޓްރީން އަންނަނީ ދީނީ އެކި އެކި ޕްރޮގްރާމްތަށް ރާވާ ހިންގަމުންނެވެ.