އުމެއިރުގެ ލަނޑުން މޮޅުވެ މާޒިޔާ ދެ ވަނަ އަށް
އުމެއިރުގެ ލަނޑުން މޮޅުވެ މާޒިޔާ ދެ ވަނަ އަށް

މުހައްމަދު އުމެއިރުގެ ލަނޑާ އެކު އިންޑިއާގެ މޯހަން ބަގާން އަތުން 1-0 އިން މިރޭ މޮޅުވެ މާޒިޔާ އިން އޭއެފްސީ ކަޕްގެ ގްރޫޕް އީގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އަމިއްލަ ބާރުގައި މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް މި މެޗުގެ ތިން ޕޮއިންޓް މާޒިޔާ އަށް ވަރަށް މުހިއްމެވެ. މުބާރާތުގެ ފޯމެޓަށް ގެނެވުނު ބަދަލާ އެކު މި ޒޯނުގެ ގްރޫޕްތަކުން ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ ހަމައެކަނި ގްރޫޕްގެ އެއް ވަނަ އަށެވެ.

ގްރޫޕްގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ތިން މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު ބެންގަލޫރު އެފްސީ އެވެ. ދެ ވަނައިގައި މާޒިޔާ އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބަގާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އައި-ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް ހޮނިހިރު ދުވަހު އައިޒަވާލްއާ ދެކޮޅަށް މުހިއްމު މެޗެއް އޮތުމުން ބަގާނުން މިރޭގެ މެޗަށް ނުކުތީ މުހިއްމު ތިން ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އެ ތިން ކުޅުންތެރިންނަކީ ޓީމުގެ ކެޕްޓަން ޖަޕާނުގެ ކަޓްސުމީ ޔޫސާ އާއި ހެއިޓީގެ މިޑްފީލްޑަރު ސޮނީ ނޯޑޭ އަދި ސްކޮޓްލެންޑްގެ ފޯވާޑް ޑަރީލް ޑަފީ އެވެ.

މި މެޗަށް ނުކުތްއިރު މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ނުކުޅެވުމެވެ. އޭގެ ތެރޭގައި އަހުމަދު އިމާޒް (އާއްކޮ)، ހުސެއިން ނިޔާޒް (ބޮކުރީ)، އަލީ ހައިޝަމް (ޗުމްޕު) އަދި ޑިފެންޑަރު އަންދްރެއި ކޯޑޯސް ހިމެނެ އެވެ.

ކަލްކަތާގެ ރަބިންދުރަ ސަރޯބާރް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މުހައްމަދު އުމެއިރު ހުސްކޮށްލާފައި އޭރިއާ ތެރެއިން އަސަދުﷲ އަށް ދިން ބޯޅަ އޭނާ ގޯލަށް ފޮނުވާލުމުގެ ކުރިން ބަގާން ޑިފެންޑަރުން ބޭރުކޮށްލި އެވެ.

އޭގެ ތިން މިނިޓް ފަހުން ބަގާނުން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 13 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) އަތުން ގެއްލުނު ބޯޅައެއް ހޯދައި އޭރިއާ ބޭރުން ބަގާންގެ ފޯވާޑް ބަލްވަންތު ސިންގު ފޮނުވާލި ޝޮޓް ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވީ މާޒިޔާގެ ކިރްގިސްތާން ކީޕަރު ޕަވެލް މަޓިއަޝް އަތުގައި ޖެހިފަ އެވެ.

ބަގާނުން މި ހާފްގައި ގިނައިން މަސައްކަތްކުރީ އެ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކްލޫއާ އަށް މަތިން ބޯޅަ ދީގެން އެޓޭކް ކުރުމަށެވެ. އެހެން ނަމަވެސް މި ހާފްގައި ޖޭޖޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނެވެ. މާޒިޔާ އިން ކައުންޓަ އެޓޭކުގައި ދިޔައީ ނުރައްކާ ކުރަމުންނެވެ.

މެޗުގެ 20 ވަނަ މިނިޓްގައި މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އަލެކްސަންޑަ ރަކިޗް ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މާޒިޔާ އަށް މެޗުގެ 33 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އުމެއިރު އެވެ. އޭރިއާ ބޭރުން ސަމޫހު އަލީ (ސަމުއްޓެ) ކުޅުންތެރިއަކު ކައިރިން ނައްޓާލި ބޯޅަ ހޯދުމަށް ފަހު އުމެއިރު ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރުގެ އޭއެފްސީ ކަޕްގައި އުމެއިރު ޖެހި ދެ ވަނަ ލަނޑެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލީޑުފުޅާކުރަން އަސަދުﷲ އަށް ހުސް ފުރުސަތެއް ލިބުނެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ބަގާން އޭރިއާ ތެރެއިން އަސަދުﷲ ފޮނުވާލި ބޯޅަ ބަގާން ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.

ވިއްސާރައިގެ ތެރޭގައި ދެ ވަނަ ހާފްގެ ބޮޑު ބައި ކުޅުނުއިރު ހާފް ފެށިގެން 50 ސިކުންތު ތެރޭގައި ދެ ވަނަ ލަނޑެއް ޖަހަން މާޒިޔާގެ ރަކިޗަށް ހުސް ފުރުސަތެއް ލިބުނެވެ. ބަގާން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ރަކިޗް ފޮނުވާލި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ދެ މިނިޓް ފަހުން އަސަދުﷲ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ޔަސްފާދު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އަދި އޭގެ ފަހުން އުމެއިރު ހުސްކޮށްލާފައި އަސަދުﷲ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ބަގާން ކީޕަރު ޝިބިންރާޖް ކުނިޔީލް ވަނީ މަތަކޮށްފަ އެވެ.

އަނިޔާގެ ސަބަބުން މާޒިޔާ އިން ވަނީ މެޗުގެ 65 ވަަނަ މިނިޓްގައި އުމެއިރު ބަދަލުކޮށްފަ އެވެ. އުމެއިރުގެ ބަދަލުގައި ކުޅެން އެރީ ހަސަން ޝިފާޒް (ޑުންގާ) އެވެ.

މި ހާފްގައި ބަގާނުން ވަނީ އެ ޓީމުގެ ޖޭޖޭ އަށް ކުޅޭ ބޯޅަތަށް އިތުރުކޮށްފަ އެވެ. މިގޮތުން ޖޭޖޭ އަށް ލިބޭ ބޯޅަތަކުގައި މާޒިޔާ އަށް ނުރައްކާ ބޮޑުވެ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ބަގާންގެ ޕްރަބީރް ދާސް ހުސްކޮށްލާފައި އޭރިއާ ތެރެއިން ޖޭޖޭ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ފޮނުވާލި ބޯޅަ މާޒިޔާ ކުޅުންތެރިން ވަނީ ބޭރުކޮށްލައިފަ އެވެ.

ބަގާނުން ވަނީ މެޗުގެ ފަހު 18 މިނިޓަށް ކަޓްސުމީ ކުޅެން އަރުވައިފަ އެވެ. ކަޓްސުމީ ކުޅެން އެރުމާ އެކު ބަގާން މެދުތެރެއިން ކުޅުން ރަނގަޅުވި ނަމަވެސް އެޓޭކުގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.

މާޒިޔާ އަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ މެޗުގެ 85 ވަނަ މިނިޓްގައި އެ ޓީމުގެ މިލޮސް ކޮވަސެވިޗަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ކޮވަސެވިޗަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ބަގާންގެ ޒުވާން ފޯވާޑް އަޒުހަރުއްދީން މަލިކަށް ފައުލު ކުރުމުންނެވެ.

މާޒިޔާ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ބަގާނުން އެޓޭކް ވަރުގަދަ ކުރި އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުން ދިޔައީ ފުލުފުލުގައި އެޓޭކްކުރަމުންނެވެ. އެހެން ނަމަވެސް މާޒިޔާގެ ޑިފެންޑަރުން ވަނީ ބަގާންގެ އެޓޭކްތައް ހުއްޓުވުމުގައި ކުރިހޯދައިފަ އެވެ.

މިއީ ފަހަކަށް އައިސް ސަރަހައްދީ މުބާރާތެއްގައި އިންޑިއާގެ ކްލަބެއް އަތުން ރަށުން ބޭރުގައި މާޒިޔާ ހޯދި ފުރަތަމަ މޮޅެވެ. ބަގާންއާ ދެކޮޅަށް މިދިޔަ އަހަރު މާޒިޔާ ކުޅުނު މެޗުން ވަނީ 5-2 އިން ބަލިވެފަ އެވެ.

އޭއެފްސީ ކަޕްގައި ދެން މާޒިޔާ ކުޅޭ މެޗުގައި އަންނަ މަހު ތިން ވަނަ ދުވަހު މާލޭގައި ނުކުންނާނީ ބަގާންއާ ދެކޮޅަށެވެ.