އަޕަ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގއ. މާމެންދޫގެ ދެ ގެޔަކުން 17.7 ކިލޯ ޑްރަގް ހޯދައި އެ މައްސަލާ ގުޅުންހުރި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ "މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި" މި މަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީ؛

  • އަޒުހަދު ނަސީމް، 29،  ގއ. މާމެންދޫ / ފިޔާތޮށިވިލާ

  • ރިޝްފާން ރާމިޒު، 29، ގއ. މާމެންދޫ / ރޯޝަނީގެ

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ފެނުނު މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ދެ މީހުންނާ ގުޅުން ހުރި ދެ ގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް އެ ދެ ތަނުން ފެނުނު ތަކެއްޗެވެ. 

 އިއްޔެމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައިވެސް  ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން ޒުވާނަކު ހައްޔަރުކޮށްފައިވެ އެވެ.

އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލާ ފާސްކުރިއިރު 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖް އަދި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.