ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކެޕިޓަލުގެ ގޮތުގައި
ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް، ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު
އިސްލާހުކޮށް މިއަދު ގެޒެޓްކޮށްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކުރި އެ ގަވައިދުގެ ތެރެއިން ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ކެޕިޓަލުގެ ގޮތުގައި
މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު އައިސްފައިވެ އެވެ. އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް، ޕޭމަންޓް މުއާމަލާތްތައް
އެކުއަޔަކުރުމުގެ ހިދުމަތް، އަދި ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް
ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަޑް ކެޕިޓަލްގެ
އަދަދު ވަނީ ދެ މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.

އެ ގަވައިދުގެ ދަށުން ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް އަދި އެކައުންޓް އިންފޮމޭޝަން
ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ
ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައިވެ އެވެ.

ރައުސްމާލުގެ ގޮތުގައި
ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު:

އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް: ފަސް ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް.

ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަކުރުމުގެ ހިދުމަތް:ދެ ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް.

ރެމިޓެންސްގެ ހިދުމަތް:ދެ ލައްކަ ރުފިޔާ އިން ދެ މިލިއަން ރުފިޔާއަށް

ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް:އެއް ލައްކަ ރުފިޔާ އިން އެއް މިލިއަން ރުފިޔާއަށް

އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް:އެއް ލައްކަ ރުފިޔާ އިން އެއް މިލިއަން ރުފިޔާއަށް.

އެމްއެމްއޭ އިން ބުނީ، އެ އިސްލާހުގެ މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ
މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަން ކަން
ކަށަވަރު ކުރުން ކަމަށެވެ. އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ
އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ
އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.