19 އެޕްރީލް 2017 - 19:25

ދަރިވަރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސައިރެކްސް ކޮލެޖާއި އޭޝިޔާ އެކްސްޗޭންޖް ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސައިރެކްސްގެ ޗެއާމަން އަހުމަދު ޝަރީފް އަދި އޭޝިޔާ އެކްސްޗޭންޖުގެ އެކަޑެމިކް ޑިރެކްޓަރު ތޯމަން ކައުޕިނެން ވަނީ ސޮއިކުރައްވައިފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން، އޭޝިޔާގެ އެތައް ގައުމުތަކެއްގައި ހިންގާ ކޮލެޖާއި ޔުނިވާސިޓީތަކުގައި ސައިރެކްސް ކޮލުޖުގެ ދަރިވަރުންނަށް ކިޔެވުމާއި ތަމްރީން ހޯދުން އަދި އިންޓާންޝިޕަށް ދިއުމުގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.
މީގެ އިތުރުން އޭޝިޔާ އެކްސްޗޭންޖުގެ މެމްބަރު ކޮލެޖާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ރާއްޖެ އައިސް ސައިރެކްސް ކޮލެޖުގައި އިންޓާންޝިޕް ހެދުމާއި ސެމިސްޓާ ފުރިހަމަކުރުން އަދި ދިވެހި ސަގާފަތް ދެނެގަތުމުގެ ފުރުސަތުތައް ލިބިިގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ސައިރެކްސްއާ މެމްބަރު އެހެން ކޮލެޖު ޔުނިވާސިޓީތަކާ ގުޅިގެން އިލްމީ ފޯރަމްތައް ބޭއްވުމާއި، މަހާސިންތާތަކާއި ސެމިނާ ފަދަ ހަރަކާތްތައް ހިންގޭނެ ކަމަށް ވެސް ބުންޏެވެ.
އޭޝިޔާ އެކްސްޗޭންޖަކީ ޖަޕާނާއި ޗައިނާ، ދެކުނު ކޮރެއާ، ތައިލޭންޑް، އިންޑޮނޭޝިއާ، މެލޭޭޝިޔާގެ އެކި ކޮލެޖު ޔުނިވާސިޓީތަކާއެކު މަސައްކަތް ކުރާ ކުންފުންޏެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ކޮލަޖަށް ވުމުގެ އިތުރުން، ކިޔަވައިދިނުމުގެ ދާއިރާއިން ސައިރެކްސް އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.