މާދަމާ ފުލުހަށް ހާޒިރުވާން ޝަރުތުކޮށް، ނަދީމް ދޫކޮށްލައިފި
މާދަމާ ފުލުހަށް ހާޒިރުވާން ޝަރުތުކޮށް، ނަދީމް ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކޯޓަށް ހާޒިރު ކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މާދަމާ ހެނދުނު ފުލުހަށް ހާޒިރުވާން ޝަރުތުކޮށް، ފުލުހުން އޭނާ ދޫކޮށްލައިފި އެވެ.

ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނަދީމް ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރު ކުރުމުން ފުލުހުން ނަދީމް ހޯދަން ފެށުމުން އޭނާ ވަނީ އަމިއްލަ އަށް ފުލުހުންގެ އޮފީހަށް ހާޒިރުވެފަ އެވެ. ފުލުހުން ބުނި ގޮތުގައި ނަދީމް ހާޒިރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ނަދީމްގެ އަނބިކަނބަލުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ނަދީމް ދޫކޮށްލީ މާދަމާ ހެނދުނު 9:45 އަށް ފުލުހަށް ހާޒިރުވެ، ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުވާ ގޮތަށް ޝަރުތު ކުރުމަށް ފަހު ކަމަށެވެ. އެ މައްސަލާގައި ކޯޓަށް އެއްބާރުލުން ނުދޭން ނަދީމް މަސައްކަތް ނުކުރާ ކަމަށާއި ކޯޓަށް ހާޒިރުވުމުގެ އަމުރު ކުރިން ނަދީމަށް ނުލިބޭ ކަމަށް އެ ޓްވީޓެއްގައި ޔުމްނާ ވިދާޅުވެފައިވެ އެވެ.

ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރު ނުވެއްޖެ ނަމަ ނުވަތަ ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވިއްޖެ ނަމަ އެ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރު ކުރަން އެންގުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ.