މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން ބަންދުން ދޫކޮށްލާފައި ތިބުމުގައި ޝަރުތުތަކެއް ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
މާފަންނު މުރަނގަ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) ހުއްޓާ އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ އޭޕްރީލް މަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޖުމްލަކޮށް ދައުލަތުން އެ ދެ މީހުންނާ ދެކޮޅަށް ހުށަހެޅީ ހަމައެކަނި ގަރީނާތަކެކެވެ. އަދި ސީދާ ހެކިބަހެއް ލިބެން ނެތްއިރު، ދައުލަތުން ހުށަހެޅީ ކުށް ސާބިތުވާނެ ކަމުގެ އިސްތިންބާތު (އިންފަރެންސް) އެއް ނެގުމަށް ނެގިދާނެ ކަންތައްތަކެއް ކަމަށާއި ނަމަވެސް ހެކީގެ ޗޭނުގެ ބޮޅުތައް ގުޅުވާލެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރަން އެދުނެވެ.
އެގޮތަށް ހުށަހަޅާފައިވަނީ އެ ދެ މީހުންގެ މައްޗަށް ވެސް ކުރެވެނީ ނުރައްކާތެރި ކުށެއްގެ ތުހުމަތަކަށް ވެފައި، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އަދި އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތްކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް ދިގުލައިގެން ގޮސްދާނެ ކަމަށް ބުނެ ބަންދުން ދޫވެފައި ތިބި ތުހުމަތުވާ ދެ މީހުންނަށް ގައިދުތަކެއް ކަނޑައަޅައިދޭން ދައުލަތުން ފަހުން އެދިފައިވެ އެވެ.
މިއަދު ހައި ކޯޓުން ނިންމި ނިންމުމުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އިސްމާއިލް ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު ނިންމެވީ ދައުލަތުން އެދުނު އަމުރު ނެރެނުދިނުމަށެވެ.
އެގޮތަށް ނިންމި ނިންމުމުގައިވަނީ ދައުލަތުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެދުނު އެދުން އަނބުރާ ގެންގޮސްފައިވާތީ އާއި ކުށެއްގެ ތުހުމަތުގައި ބަންދުގައި ނެތް މީހަކު ޝަރުތު ކުރުމަށްފަހު ބަންދުން ދޫކުރުމަށް އެދެވިދާނެ އެއްވެސް ގާނޫނީ އަސާސެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާތީ ދައުލަތުން އެދޭ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށެވެ.
ނަމަވެސް، ދެން ބެންޗުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔުގައިވަނީ ދަށު ކޯޓުން ޖިނާއީ މައްސަލައެއް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން ދައުލަތުގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ކުށުގެ ތުހުމަތުން މުޅިން ބަރީއަވެފައިވާ ފަރާތެއް ނޫން ކަމަށެވެ.
އިސްތިއުނާފު މަރުހަލާގައި އިސްތިއުނާފުރައްދުވާ ފަރާތްތަކުގެ މައްޗަށް ޝަރުތު ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމަކަށް ނުވާތީ، އެފަދަ އަމުރެއް ނެރެން ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް، އެ ރައުޔަށް ތާއިދު ލިބިފައެއް ނުވެ އެވެ.