ހިދުމަތުގައި ގިނަ ދުވަސް ވެފައިވާ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ދެރައެއް ނަމަވެސް، އެ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ދެ މުވައްޒަފަކު ހިދުމަތުން ވަކިވުމާ ގުޅިގެން އެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އަޒްވަރު ވިދާޅުވީ ތަޖުރިބާކާރު އެފަދަ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏެއްގެ ހައިސިއްޔަތުން ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން ކަންކަން ތަރައްގީ ކުރުމުގެ ގޮތުން އިންޖީނުތައް އިތުރުކޮށް އަދި އާ މޮޑެލްތައް ހޯދައި، އިމާރާތްތަކުގެ އާބާތުރަފިލުވައި ހެދި ނަމަވެސް އެފަދަ މުވައްޒަފުންގެ ތަޖުރިބާ އަލުން ނުލިބޭނެ ކަމަށް އަޒްވަރު ވިދާޅުވި އެވެ.
"މިފަދަ ފަރާތްތަކުގެ ތަޖުރިބާ އެއީ އަޅުގަނޑުމެންނަށް ރިޕްލޭސްކުރަން ހަމަ ވަރަށް ބޮޑު ޗެލެންޖެއް. މި ބޭފުޅުން އެ ގެންދަވާ އިންސްޓިޓިއުޝަނަލް މެމޮރީ، އެ ކުންފުންޏަކަށް، އެ އިދާރާއަކަށް ހަމަ ވަރަށް މުހިއްމު ކަންތައް އެއީ،" އެމްޑީ ވިދާޅުވި އެވެ.
"ދެންމެ ބައެއް ބޭފުޅުން ފާހަގަ ކުރައްވައިފި ކުރީގެ ބައެއް ކަންތައްތަކުގައި (ހިދުމަތުގައި ގިނަ ދުވަސް ވެފައިވާ ބޭފުޅުންގެ) ތަޖުރިބާގެ މައްޗަށް ކުންފުނީގެ މަސައްކަތާ ގުޅޭގޮތުން އެ ހިއްސާ ކުރައްވާ ވާހަކަތައް. އެއީ ކުންފުންޏަކަށް ބޭސްކޮށްފަ ވަރަށް މުހިއްމު ކަންތައްތައް އަޅުގަނޑުމެންގެ އެކި ކަންކަން ތަރައްގީ ކުރުމުގައި، މައްސަލަތަކަށް އެޓެންޑް ކުރުމުގައި އެ އިންސްޓިޓިއުޝަނަލް މެމޮރީ. އެއީ އަޅުގަނޑުމެންނަށް ގެއްލިގެންދާނެ ވަރަށް މުހިއްމު ބައެއް." އޭނާ ވިދާޅުވި އެވެ.
އަޒްވަރު ވިދާޅުވީ އެގޮތަށް ކަންކަން އޮތަސް، މިއަދު ވަޒީފާއިން ވަކިވި މުވައްޒަފުންނަކީ ރަނގަޅު ލެގަސީއެއް ދޫކޮށްފައިވާ ދާ މުވައްޒަފުން ކަމަށެވެ. އެގޮތުން އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރަމުންދިޔަ ޒުވާން ޖީލުތަކަށް އެ މުވައްޒަފުންގެ ފަރާތުން ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާކަން ޑރ. އަޒްވަރު ފާހަގަ ކުރެއްވި އެވެ.
މިއަދު ހިދުމަތުން ވަކިވި ދެ މުވައްޒަފުންނަކީ ވޭތުވެދިޔަ 48 އަހަރު އެ ކުންފުންޏަށް ހިދުމަތްކުރި ސާވިސް އިންޖިނިއަރު މުހައްމަދު މަނިކާއި 37 އަހަރު ކުންފުންޏަށް ހިދުމަތްކުރި އެސިސްޓަންޓް ސާވިސް އިންޖިނިއަރު އަހުމަދު މައުރޫފެވެ.