މިދިޔަ އޯގަސްޓް މަހަކީ 1901 ގައި މޫސުމީ ރެކޯޑުތައް ބަލަހައްޓަން ފެށީއްސުރެ އިންޑިއާއަށް އެންމެ ހޫނުގަދަވި އޯގަސްޓް މަސް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން އިއްޔެ ބުނެފި އެވެ.

އައިއެމްޑީން އާންމުކުރި މޫސުމީ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އޯގަސްޓް މަހު އިންޑިއާގެ އެވްރެޖް ހޫނުމިން ނުވަތަ އާންމު ހޫނުމިން ހުރީ 28.01 ޑިގްރީ ސެލްސިއަސްގަ އެވެ. އާންމު ގޮތެއްގައި އޯގަސްޓް މަހެއްގައި އިންޑިއާގެ އެވްރެޖް ހޫނުމިން ހުންނަނީ 27.34 ޑިގްރީ ސެލްސިއަސްގަ އެވެ.

މީގެ އިތުރުން، އެންމެ ދަށްވެގެން ރެކޯޑު ކުރެވުނު އެވްރެޖް ހޫނުމިން ވެސް ވަނީ 24.36 ޑިގްރީ ސެލްސިއަސްއަށް އުފުލިފަ އެވެ. އެއީ އާންމުކޮށް ހުންނަ 23.68 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗެވެ.

ހޫނުގަދަވުމުގެ އިތުރުން، މިދިޔަ އޯގަސްޓް މަހަކީ ވާރޭ ވެހޭ މިންވަރު ވެސް އިންޑިއާއަށް ވަރަށް ބޮޑަށް ދަށްވި މަހެކެވެ. މުޅި މަހު ވެހިފައި ވަނީ 213.3 މިލިމީޓަރުގެ ވާރޭ އެވެ. އެއީ 2001 ވަނަ އަހަރުގެ ފަހުން ވާރޭ ވެހުނު މިންވަރު ހަތް ވަނައަށް އެންމެ ދަށްވި އޯގަސްޓް މަސް ކަމަށް އައިއެމްޑީން ބުންޏެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާގެ ޑިރެކްޓަ ޖެނެރަލް މުރުތުޔުންޖޭ މޮހަޕާތުރާ މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، ވާރޭ ވެހޭ ވަރު މަދުވުމުގެ މައިގަނޑު ސަބަބަކީ އިކުއޭޓޯރިއަލް ޕެސިފިކް އޯޝަން (ޕެސިފިކް ކަނޑު)ގެ ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން އުފެދިފައިވާ ވަރުގަދަ "އެލް ނީނޯ"ގެ އަސަރު ކުރުމެވެ. އެ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

އޯގަސްޓް މަހު ލޯ-ޕްރެޝަރު ސިސްޓަމްތައް ނުވަތަ ކޮޅިގަނޑުތައް އުފެދުނު ކަމުގައިވީ ނަމަވެސް، ވާރޭ ބޮޑަށް ވެހުނީ އިންޑޯ-ގޭންޖެޓިކް ސަރަހައްދުތަކަށް އެކަންޏެވެ. އެހެންވެ އިންޑިއާގެ އެހެން ސަރަހައްދުތަކަށް ވާރޭ ވެހުން މަދުވި ކަމަށް އައިއެމްޑީން ބުންޏެވެ.

އައިއެމްޑީން ލަފާކުރާ ގޮތުގައި، މި މަހު ވެސް މުޅި އިންޑިއާއަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ 91 ޕަސެންޓު މަދުންނެވެ. އަދި ހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.