ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި އިރު އެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައި ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.
ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަން ހަވާލުކޮށްފައިވަނީ އެ އަތޮޅު ހަނިމާދޫ ކައުންސިލާ އެވެ. ނަމަވެސް، އެގޮތަށް ކަންތައް ނުހިނގާ ކަމަށް ބުނެ، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައިދޭން އެމްޑީޕީގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހެޅި މިދިޔަ މަހުގެ ތެރޭގަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައި އެ ރަށުގެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ލިބިދީފައިނުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފަ އެވެ.
އެޗްއާރުސީއެމުން ބުނީ އެމްޑީޕީން ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށް ބަލަމުން އަންނަ ކަމަށެވެ.
ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެެރެއިން އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ސަރުކާރުން ނިންމާފައިވަނީ ހަނިމާދޫގައި، ހިރިމަރަދޫ މީހުންނަށް ހާއްސަކޮށްގެން ފްލެޓު އަޅާށެވެ. ނަމަވެސް، އެ މަސައްކަތެއް ވެސް ކުރިއަކަށް ނުދެ އެވެ.
އެ ގެތައް ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވީ ހިރިމަރަދޫ މީހުންނަށް ހާއްސަކޮށްފައިވާ ހައުސިން މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ، ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
"ހިރިމަރަދޫ ރައްޔިތުންނަށް މިއަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ. އެހެންވީމާ ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް،" މިދިޔަ މަހު ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.