ޕާސިއަން ގަލްފާއި ރަތްކަނޑާއި އަރަބި ކަނޑު އަދި އިންޑިއާކަނޑުގެ ބައެއް ސަރަހައްދުތަކުގައި އަސްކަރީ ހަރަކާތްތައް ހިންގަން އެމެރިކާއިން ހާއްސަކޮށްފައިވާ ކަނޑުގެ ލަޝްކަރު "ޔުނައިޓެޑް ސްޓޭޓްސް ފިފްތު ފްލީޓް"އަށް ބޭނުންވާ ކާބޯތަކެއްޗައި އެހެނިހެން ގިނަ ތަކެތި ފޯރުކޮށްދޭ ލޮޖިސްޓިކްސް އެންޑް ސަޕްލައި ހަބް ފޯޅަވައްސަށް ބަދަލުކޮށްފި އެވެ. 

ކަނޑުގެ ސިފައިންގެ ހަބަރުތައް ގެނެސްދޭ "ނޭވީ ޓައިމްސް" ވެބްސައިޓްގައިވާ ގޮތުން ފިފްތު ފްލީޓްގެ ސަޕްލައިހަބް ފޯޅަވައްސަށް ބަދަލުކުރަން ޖެހުނީ ބަހްރައިނުގެ ވެރިރަށް މަނާމާ ގައި ހުންނަ އެ ލަޝްކަރުގެ ހެޑްކްއާޓަރާއި ލޮޖިސްޓިކްސް ހަބް، އީރާނުގެ ހަމަލާއެއްގައި ހަލާކުވުމުންނެވެ. 

އެމެރިކާގެ ކަނޑުގެ ސިފައިންނާ އެކު ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގައި ކަނޑުގެ ސިފައިންގެ އެންމެ އިސް އޮފިސަރު، އެޑްމިރަލް ޑެރީލް ކޯޑުލް ވިދާޅުވި ކަމަށް ނޭވީ ޓައިމްސް ބުނީ ބަހްރައިންގެ މަނާމާގައި ކުރިން ހުރި ލޮޮޖިސްޓިކްސް ހަބަށް އެނބުރި ދާން ދުވަސްކޮޅެއް ހޭދަވެދާނެ ކަމަށެވެ. 

ބަހްރައިންގައި ހުރި އަސްކަރީ މަރުކަޒު ހަލާކުވުމާ ހަމައަށް އެތަނުގައި ދިރިއުޅެމުން އައި ސިފައިންގެ ތެރެއިން ބައެއް މީހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެތަނަށް އެނބުރި ނުދެވޭނެ ކަަމަށެވެ. 

ބަހްރައިންގައި ހުންނަ ފިފްތު ފްލީޓްގެ ހެެޑްކުއާޓަރާއި ލޮޖިސްޓިކްސް ހަބަށް އީރާނުން ހަމަލާ ދިނީ އެެމެރިކާ އާއި އިޒްރޭލުން އެ ގައުމަށް ހަމަލާ ދިނުމުން، މިދިޔަ ފެބްރުއަރީ މަހު އެވެ. އީރާނުން އެތަަނަށް ހަަމަލާދިނީ މިސައިލާއި ވަންވޭ އެޓޭކް ޑްރޯން ބޭނުންކޮށްގެންނެވެ. 

އެ ހަމަލާއަށް ފަހު އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން ފުރަތަމަ ބުނީ  އެ ހަމަލާފައި ސިފައިންގެ މީހަކު މަރުނުވާ ކަމަށާއި ފާހަގަކޮށްލެވޭ ވަރުގެ ގެއްލުމެއް ވެސް އެ ތަނަށް ނުލިބޭ ކަމަށެވެ. 

އެކަމަކު އޭގެ އެތައް މަހެއް ފަހުން މިހާރު ހާމަވެފައިވާ ގޮތުގައި މަނާމާގައި ހުރި އަސްކަރީ މަރުކަޒު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 

ރިޓަޔާޑް ނޭވީ ކެޕްޓަން ޖޯން ކޯޑުލް ވިދާޅުވެފައިވާ ގޮތުގައި އެ ހަަމަލާގެ ސަބަބުން އެމެރިކާއަށް ސްޓްރެޓެޖީގެ ގޮތުންނާއި އަސްކަރީ ގޮތުން އެމެރިކާއިން ބޮޑު ގެއްލުމެއް ލިބުމެނެވެ.