ހުޅުމާލެ 2 ގެ ވިނަރެސް 6 ކައިރީ މިއަދުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި ހިސާބުން، ވިނަރެސް 7 ކައިރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ރޭ ވަނީ ނިޔާވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު އެކްސިޑެންޓު ހިނގީ ހިތިގަސްމަގުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 6 ފްލެޓު ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓު ހިނގީ ކުޑަކުއްޖަކު ސައިކަލުގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރުމުން އުޅުމުން އެ ކުއްޖާގެ ގައިން ނައްޓަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި ކުއްޖާގެ ގައިގައި ސައިކަލުން ނުޖެހޭ ކަމަށެވެ. އެކަމަކު ސައިކަލް ވެއްޓުމުގެ ސަބަބުން ވަނީ އޭގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާވެފަ އެވެ.
މަގު ހުރަސްކުރި ކުއްޖާ ވަނީ ފުލުހުން ދިޔައިރު އެތަން ދޫކޮށް ގޮސްފައި ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ފަހުން ވަނީ އެ މީހާއާ ބައްދަލުކޮށް އެއީ ހިނގާފައި ދިއުން މަނާ ސަރަހައްދެއްކަން އަންގައި ނަސޭހަތްދީފަ އެވެ.
ހުޅުމާލޭގައި ވެހިކަލް ގިނަވުމާއި މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ދުއްވުމާއި ޕާކިންގެ ހަމައެއްލަމައެއް ނެތުމުގެ ކަންބޮޑުވުން އިތުރުވެފައި ވާއިރު އެކްސިޑެންޓުތައް ވެސް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.