މާލީ ކުށުގެ އަމަލުތައް ހިންގުމުގައި ބޭންކް އެކައުންޓާއި ކާޑު ބޭނުންކުރަން އެހެން މީހުންނަށް ދިނުމުގެ މައްސަލަތަކުގައި ދައުވާކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް، "މިހާރު" އަށް ވިދާޅުވީ އެހެން މީހުންގެ ބޭނުމަށް އެކައުންޓް ކުއްޔަށް ދިނުން ނުވަތަ ބޭނުންކުރަން ދޭނަމަ، ދައުވާކުރަން ނިންމީ އެފަދަ މައްސަލަތައް މިހާރު އާންމުވަމުންދާތީ ކަމަށެވެ.
"ފުލުހުން ތަހުގީގުކޮށް ނިންމާފައި [ޖީޕީއަށް] ފޮނުވީމާ ކޭސް ބައި ކޭސް ބަލާފައި ދައުވާކުރާނަން،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށުގެ އަމަލެއް ކުރާކަން އެނގި ތިބެ އެކަން ކުރަން ބޭންކް އެކައުންޓާއި ކާޑު އެހެން މީހުންނަށް ދީގެން ތިބިކަން އެނގޭ ނަމަ ދައުވާކުރާނެ ކަމަށެވެ.
އައްބާސް ވިދާޅުވީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޑޮލަރު މާރުކުރާ މައްސަލަތަކާއި ސްކޭމްގެ މައްސަލަތަކުގައި ވެސް އެހެން މީހުންގެ އެކައުންޓް ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބޮޑުވެފައި ވުމުން ދައުވާކުރަން ނިންމީ ކަމަށެވެ.
"ސްކޭމް މައްސަލަތަކުގައި ވެސް ވަރަށް ބޮޑަށް ފާހަގަވޭ އެހެން މީހުންގެ އެކައުންޓް ބޭނުންކުރާކަން. އެކަން ކުރާ މީހާ ނޫން އެހެން މީހެއްގެ އެކައުންޓްތަކުގެ ތެރެއިން ފައިސާ ދައުރުކުރާކަން، އެހެންވީމާ އެ މައްސަލަތައް ވެސް ސީރިއަސްކޮށް ބަލާފައި ދައުވާކުރުމުގެ ވިސްނުން މިހާރު ހުރީ،" އައްބާސް ވިދާޅުވި އެވެ.
އެކަމުގެ އިތުރު ތަފްސީލު ހިއްސާކޮށް ޕީޖީ އޮފީހުން ބުނީ އެހެން މީހުން ބޭނުމަށް އެކައުންޓް ކުއްޔަށް ދިނުން ނުވަތަ ބޭނުންކުރަން ދިނުމަކީ މަނީ ލޯންޑްރިންގެ ކުށަށް މަގުފަހިކޮށްދިނުމުގެ ނުވަތަ އެހީތެރިވުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި "މަނީ މިއުލް" އެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އޭގެ ޒާތުގައި ޝައްކުކުރެވޭ ފައިސާއާ މެދު މުއާމަލާތްކުރުން ނުވަތަ މަނީ ލޭޔަރިންގެ މެދުވެރިއަކަށް ވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެ ފައިސާއަކީ ކިހިނެއް ލިބުނު ފައިސާއެއްކަން ނޭނގޭކަމަށް ނުވަތަ ކުށަކާ ގުޅުންހުރި ފައިސާކަން ނޭނގޭ ކަމަށް ބުނުމަކުން، ޝައްކުކުރެވޭނެ ސަބަބު ފިލައިގެން ނުދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
"މިސާލަކަށް އެކައުންޓް ނުވަތަ ކާޑު އެހެން މީހަކު ބޭނުންކުރަން ކުއްޔަށް ވިޔަސް ނޫނީ ކުއްޔަށް ނޫން ގޮތަށް ވިޔަސް ދީގެން އެ ކާޑު މެދުވެރިކޮށް ޣައިރުގާނޫނީ އަމަލެއް ކުރާ ހާލަތުގައި ކާޑު މެދުވެރިކޮށް މަނީ ލޯންޑްރިންގެ އަމަލެއް ކުރާ ހާލަތުގައި ކާޑުގެ ވެރިފަރާތަށް މަނީ ލޯންޑްރިންގެ އަމަލަކަށް ހިތްވަރު ދިނުން، މަގުފަހިކޮށްދިނުން، ބައިވެރިވުމުގެ ދައުވާކުރެވޭނެ،" ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އެ ހާލަތުގައި އެކައުންޓްގެ އޯނަރަކަށް ނުބުނެވޭނެ ތިމަންނައަކަށް ނޭނގެއޭ، ތިމަންނަ އެކައުންޓް ކުއްޔަށް ދީފައޭ. އެހެން ބުނެފައި ސަލާމަތެއް ނުވެވޭނެ. އެހެންވީމާ އެ ގޮތަށް އަޅުގަނޑުމެން އެކައުންޓް ކުއްޔަށްދީ އެކައުންޓް ބޭނުންކުރަންދޭ މައްސަލަތަކުގައި ފިޔަވަޅު އަޅަމުން ގެންދާނެ،"
އެ އޮފީހުން ބުނި ގޮތުގައި އެ އަމަލަކީ އޭގެ ޒާތުގައި ޖިނާއީ ކުށްކުށަށް އަރައިގަންނަ މީހުން މަނީ ލޯންޑާކުރުމަށް ބޭނުންކުރާ އުކުޅެއްކަމަށް ބަލައިގެންފައިވާ އަމަލެއް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ސްކޭމް މައްސަލަތަކުގައި މީހެއްގެ އެކައުންޓަށް ފައިސާ ޖަމާވެފައި ހުންނަ ހާލަތުގައި ވެސް އެ އެކައުންޓަކީ މީހަކަށް ބޭނުންކުރަން ދީފައިވާ އެކައުންޓެއް ކަމަށް ބުނެ ސަލާމަތް ނުވެވޭނެ ކަމަށެވެ.
"އެއީ ތިމަންނަ ބޭނުންކުރާ އެކައުންޓެއް ނޫނޭ. އެހެން މީހަކު އަތަށް ކާޑު ދީފައޭ. އެހާލަތުގައި ވެސް އެ އެކައުންޓެއްގެ ވެރިފަރާތް އަޅުގަނޑުމެން ޒިންމާދާރުކުރުވަން. އެ ފަރާތުގެ މައްޗަށް ދައުވާ ވެސް ކުރަން. ފައިސާ ދޭން ވެސް ޖައްސަން. ކުރިއަށް އޮތްތަނުގައި ވެސް މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ހަމަ އެގޮތަށް އަޅުގަނޑުމެން ފިޔަވަޅު އަޅަމުން ގެންދާނީ."
މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ކަހަލަ ކަމަށް ބުނާ އިޝްތިހާރުތައް ޖަހަ އެވެ.
އެންޓި ސްކޭމް ސެންޓަރުން ވެސް ބުނެފައިވާ ގޮތުގައި އެކައުންޓަކީ އަމިއްލަ އެއްޗެއް ކަމަށާއި ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީއަކީ އެހެން މީހަކަށް ދީގެންވާނެ އެއްޗެއް ނޫނެވެ.
ބޭންކު ކާޑު ނުވަތަ އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ކަހަލަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މަހްރޫމްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފުލުހުން ހަނދާންކޮށްދިނެވެ.
ބޭންކު ކާޑާއި އެކައުންޓް ކުއްޔަށް ދޭ މައްސަލަތަކެއް ފެންމަތިވި އިރު، ގައުމީ ބޭންކް ބީއެމްއެލް އިން ވެސް ކުރިން ބުނެފައިވާ ގޮތުގައި އެ ބޭންކު ކާޑުތަކުގެ ޑޮލަރު ލިމިޓު ބޭނުންކޮށްގެން އޭގެ ނާޖާއިޒު މުއާމަލާތްތައް ހިންގާ މައްސަލަތަކެއް ފާހަގަކުރެވިފައިވެ އެވެ.
އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގާފައިވާ މައްސަލައެއް ވެސް މިދިޔަ އަހަރު ފެންމަތިވެފައިވެ އެވެ.