ހަތަރު ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދު އަދި ބ. ކިހާދޫގައި ކަމަށެވެ.
އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ.

ހަތަރު ރަށެެއްގައި މަޝްރޫއުތައް ހިންގަން އެއްބަސްވުންތަކުގައި ސޮއިކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އާއި ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެއްބަސްވުން ބަދަލުކުރައްވަނީ.-- ފޮޓޯ: އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީ
ކެލާގައި ހިންގަން ހަވާލުކުރީ އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީޒް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކުރީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މުރައިދޫގެ ހަވާލުކުރީ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށެވެ.
މުރައިދޫގެ އިތުރުން ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ހަވާލުކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަސް މަސްދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުތަކުގެ އަގު މިނިސްޓްރީން އާންމުކޮށްފައެެއް ނުވެ އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުުރުމަށް މިނިސްޓްރީގެ އިދާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.