ކައުންސިލްތަކަށް މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް އެ އިދާރާއިން ކައުންސިލުތަކުން އަންގަން ފަށައިފި އެވެ. 

އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު އެވެ. 

އެލްޖީއޭ އިން ބުނީ ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. 

އެހެންވެ، އިއްޔެ އިން ފެށިގެން އެ ނޫން ގޮތަކަށް އެެއްވެސް މުވައްޒަފަކު ކައުންސިލްގެ ވަޒީފާތަކަށް ނުގެނުމަށް އެ ސިޓީގައި އަންގާފައިވެ އެވެ.