ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕްގެ، މި ސީޒަނުގެ މުބާރާތް އަންނަ މަހު 17 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެފްއޭއެމުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްރަށުން ލިޔެކިޔުންތައް މި މަހު 20 ވަނަ ދުވަހުގެ ކުރިން ފޮނުވަން އެދޭ ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނިގޮތުގައި ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭނީ އެފްއޭއެމްގެ ކޮމްޕެޓިޝަން ޕޯޓަލް މެދުވެރިކޮށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު ކަށަވަރުވުމުން، އެކި ސަރަހައްދުތަކުގައި މެޗުތައް ކުޅޭނެ ތާރީހުތައް ފަހުން އާންމުކުރާނެ ކަމަށްވެސް އެފްއޭއެމްއިން ވަނީ ބުނެފަ އެވެ.

އެފްއޭއެމުން ވަނީ ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައިފަ އެވެ. އެއީ: ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަންއަދި މާލެ ރީޖަން އެވެ.

މާލެ ރީޖަން ފިޔަވައި އަނެއް ތިން ސަރަހައްދުގައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ މަރުހަލާ ފަށާނީ އެޓޯލް ޗެމްޕިއަންޝިޕުންނެވެ.

އަތޮޅު މުބާރާތް ބާއްވާނީ ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށެއްގައި ނުވަތަ ރަށްތަކެއް ގުޅިގެން ހޯސްޓް ކުރާގޮތަށެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމު ކޮލިފައިވާނީ އެ އަތޮޅެއް ނިސްބަތްވާ އެ ސަރަހައްދެއްގެ ސަބް ޒޯނަށެވެ. ކޮންމެ ސަރަހައްދެއްގައި ސަބް ދެ ޒޯން ހިމެނެ އެވެ.

ސަރަހައްދީ ލީގު ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން

ސަރަހައްދީ ލީގަށް ކޮލިފައިވާނީ ސަބް ޒޯންތަކުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. ސަރަހައްދީ ލީގުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ހޯމް އެންޑް އަވޭ ފޯމެޓަށް ލީގު އުސޫލުން ކުޅުމަށް ފަހު އެ ލީގެއްގެ ޗެމްޕިއަން ޓީމު ދެން ކޮލިފައި ވާނީ، ދިވެހި ލީގަށް ކޮލިފައި ބުރަށެވެ.

ކޮލިފައިން ބުރުގައި ވާދަކުރާނީ މާލެ ރީޖަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން އާއި މި އަންނަ މަހު ފަށާ ލީގުގެ ހަތްވަނަ އަށް ދާ ޓީމާއި އަށްވަނަ އަށް ދާ ޓީމެވެ.

އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށް އަންނަ އަހަރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.

މި އަންނަ ބުރާސްފަތި ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގުގައި، ހއ. ދިއްދުއާއި ގދ. ގައްދޫ ވާދަކުރާނެ އެވެ. އެ ދެ ޓީމަކީ އެޓޯލް ޗެމްޕިއަންޝިޕުން ފެށި، ކޮލޮފައިން މަރުހަލާތައް ކަޑަތުކޮށް ލީގަށް ކޮލިފައިވި ދެ ޓީމެވެ.