ޗައިނާ އިން ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސަރުކާރުން ފޮނުވައިފި އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި މިއަދު ބުނީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް އެ މިނިސްޓްރީ އާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު އޮގަސްޓް 6، 2024 ގައި އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެމްއޯޔޫގެ ދަށުން 100,000 ޔުއާން (14,879 ޑޮލަރު)ގެ ހިލޭ އެހީ ރާއްޖެއަށް ލިބިފައިވެ އެވެ. އެ އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ރާއްޖެއަށް ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނެ އެވެ.
މިނިސްޓްރީން ބުނީ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި ކޫޑިފަދަ ސޫފާސޫފި އެޅުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅާ ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ ލާމަރުކަޒީ ގާނޫނުގެ ދަށުން ހަވާލުކޮށްފައި ވަނީ ރަށު ކައުންސިލުތަކާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް، ރަށްރަށުގައި އެ ވަސީލަތްތައް ގާއިމްވެފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ފޯރުކޮށްދީފައިވާ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކަށް މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މާލެ އަތޮޅު ފިޔަވައި ސިޓީ ކައުންސިލްތައް ހުރި އަތޮޅުތަކުގެ ސިޓީ ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އަތޮޅު އޮފީސްތަކަށް (ކުރީގެ އަތޮޅު ކައުންސިލްތަކަށް) ސްޕްރޭޔަރު ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަން ޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާ އެކު އަވަހަށް ސްޕްރޭޔަރުގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ ރަށްރަށް
ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި (ސިޓީ ކައުންސިލް)، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ (ސިޓީ ކައުންސިލް)، ފުވައްމުލަކު (ސިޓީ ކައުންސިލް) އަދި އައްޑޫ (ސިޓީ ކައުންސިލް)
މިނިސްޓްރީން ބުނީ އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއް ނިސްބަތްވާ އަތޮޅެއްގެ ރަށެއްގައި ޕެސްޓު ކޮންޓްރޯލުކުރަން ބޭނުންވެއްޖެ ހިނދެއްގައި ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ބެލުމުގެ ދަށުން އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ކަމަށެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކަށް މި މައުލޫމާތު ހިއްސާކޮށްދިނުމާއި ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު އޮފީހެއްގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުންޏެެވެ.