އެސްޓީއޯގެ ދެކުނު ބްރާންޗުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ބާއްވާ 'ދެކުނު ފޯރި' ހަރަކާތް ބާއްވައިފި އެވެ.
މިއަހަރުގެ 'ދެކުނު ފޯރީ'ގައި ލ. ފޮނަދޫ، ފުވައްމުލައް، ގދ. ތިނަދޫ، ހުޅުމީދޫ އަދި އައްޑޫ ސިޓީގެ މުވައްޒަފުން ބައިވެރިވި އެވެ.
ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ އެ ހަރަކާތުގައި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ވާދަވެރިކަމުގެ ރޫހު އިތުރުވެގެން ދިޔަ ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ސްޓާފުންނަށް ޓްރެއިނިން ޕްރޮގުރާމެއް ވެސް ހިންގި އެވެ.

'ދެކުނު ފޯރި' އިވެންޓުގެ ކުޅިވަރު މުބާރާތެއްގައި ގޭމެއް ކުޅެނީ -- ފޮޓޯ: އެސްޓީއޯ
އެ ހަރަކާތުގައި މުވައްޒަފުން ފަސް ޓީމަކަށް ބަހާލައި ވޮލީ، ޗެސް، ބެޑްމިންޓަން، ޓީޓީ އަދި ކެރަމް ހިމެނޭ ގޮތަށް ފޯރިގަދަ މުބާރާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. މި މުބާރާތްތަކުން އެންމެ މޮޅު ތިން ޓީމު ވެސް ވަނީ ހޮޮވާފަ އެވެ.
'ދެކުނު ފޯރީ'ގައި ސްޓާފުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ޓްރެއިނިންތަކުގެ
ތެރޭގައި ފަސްޓް އެއިޑް ޓްރެއިނިން، ފަޔާ އެވެއާނަސް ޓްރެއިނިންގެ އިތުރުން ފޯނުން
މުއާމަލާތްކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކާއި ޓީމް ބިލްޑިންގެ އިތުރުން މަސައްކަތުގެ
މާހައުލުގައި ޖިންސީފުރައްސާރައިން ރައްކާތެރިވުމާ ބެހޭ ޓްރެއިނިން ހިމެނެ އެވެ.
މި ހަރަކާތް ނިންމާލާފައި ވަނީ ހާއްސަ ޑިނާ ނައިޓަކާއި އެކު އެވެ. އެ ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި އެކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ. އެ ހަފްލާގައި 'ދެކުނު ފޯރީ'ގެ އެކި ކުޅިވަރުތަކުން ވަނަތަކަށް ދިޔަ ޓީމުތަކަށް އިނާމުވެސް ދިނެވެ.

'ދެކުނު ފޯރި' އިވެންޓު ނިންމާލުމަށް ބޭއްވި ހަފްލާގައި އެސްޓީއޯގެ އިސްވެރިން. -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ބުނީ 'ދެކުނު ފޯރި އިވެންޓަކީ ރާޢްޖޭގެ އެކި
ހިސާބުތަކުގައި މަސައްކަތް ކުރާ އެސްޓީއޯގެ މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދީ، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދީ، ގާބިލުކަން އިތުރުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.