ގދ. ތިނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދާ ކުންފުނިން ކައުންސިލްގެ ހުއްދަ ނެތި ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅުމުން އެ ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ކައުންސިލުން ހުށަހަޅައިފި އެވެ. 

ސްވިފްޓް އިންޖީނިއަރިން އަކީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުންޏެވެ. އެ ތަނުން އަންނަނީ ތިނަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

ތިނަދޫގެ މޭޔަރު ސައުދު އަލީ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ ސްވިފްޓް އިންޖީނިއަރިން ކުންފުނިން، އެ ސަރަހައްދުގައި އޮތް 6،923 އަކަފޫޓުގެ ކުޅިއަށް ޑީ ވޯޓަރިން ކުރުމުން، ޒުވާނުންގެ ބަޔަކު ވަނީ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައި ކަމަށެވެ. 

އެފަދަ ކަންކަމަކީ ޒިންމާދާރު ފަރާތްތަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރަށުގެ ދެކުނު ފަރާތުގައި އޮންނަ ކުޅިއަށް ސްވިފްޓް އިންޖީނިއަރިން ކުންފުނިން ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅިކަން ކަށަވަރުވެފައިވާ ކަމަށް ވެސް މޭޔަރުގެ ސިޓީގައިވެ އެވެ. އެހެންވެ، ސްވިފްޓް އިންޖީނިއަރިން ކުންފުނި ޖޫރިމަނާކޮށް، ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފަ އެވެ.