ބޮލީވުޑްގެ ތަރި އަނީތު ޕައްޑާ މުހިންމު ރޯލެއް ކުޅޭ އިންވެސްޓިގޭޓިވް ކްރައިމް ތުރިލާ ސީރީޒް "ހުންކާރު: ދަ ރޯ"ގެ ފުރަތަމަ ޓީޒާ އިއްޔެ އާންމުކޮށްފި އެވެ.
އެ ސީރީޒްގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ "ޝަބޫރީ ފޯޓް"ގައި ހުންނަ ސުކޫލެއްގައި ތައުލީމު ހާސިލުކުރަމުން ދިޔަ 17 އަހަރުގެ މީނޫ ރާވަތު (އަނީތު)އަށް ކުރިމަތިވާ ޖިންސީ ގޯނާގެ ހާދިސާއެއްގެ މައްޗަށެވެ.
އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރަނީ ހިންދޫން ކަލްޓް ލީޑަރަކަށެވެ. އޭނާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހެޅުމާ އެކު، އިންސާފު ހޯދުމަށް ކުރާ ނުރައްކާތެރި އަދި ގޮންޖެހުން ބޮޑު ދަތުރު މި ސީރީޒްގައި ދައްކާނެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގާއި ކޯޓު ރޫމުގެ ތެރޭގައި ހިނގާ ގާނޫނީ ހަނގުރާމަ އަދި މީޑިއާގެ ތެރޭގައި އުފެދޭ ބަހުސްތައް ސީރީޒްގައި ދައްކާނެ އެވެ.
ފުލުހުންގެ ތަހުގީގުގައި އިސްކޮށް ހުންނަ އޮފިސަރެއްގެ ރޯލުން ބޮލީވުޑްގެ އެކްޓްރެސް ފާތިމާ ސަނާ ޝައިހް ފެންނާނެއިރު، ކޯޓު ތެރޭގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންގެ ރޯލުން މުހައްމަދު ޒީޝާން އަައްޔޫބު އާއި ރާމް ކަޕޫރު ފެންނާނެ އެވެ.
މީގެ އިތުރުން އަރުޖޫން މާތޫރު އާއި ޒޯޔާ ހުސައިން އަދި ރަގުބީރު ޔާދަވް ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ސައްޔާރާ" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި އަނީތު ސޯޝަލް މީޑިއާގައި މި ޓީޒާ ހިއްސާކުރަމުން ބުނެފައި ވަނީ މި ސީރީޒަކީ "ސައްޔާރާ"ގެ ކުރިން އޭނާ ކުޅެފައިވާ އަދި އޭނާގެ ފިލްމީ ދަތުރުގައި ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ.
ކަރަން ޑީ ކަޕާޑިއާ އާއި ނިތުޔާ މެހެރާ އުފައްދައި، ކަރަން އާއި ނިތުޔާ އަދި ހީރާޒް މާފާތިއާ ޑައިރެކްޓްކޮށްފައިވާ "ހުންކާރު: ދަ ރޯ" ސްޓްރީމްކުރަނީ މި މަހު 25 އިން ފެށިގެން ޖިއޯ ހޮޓްސްޓާއިންނެވެ.