ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރީގެ ޕްރޮޖެކްޓްގެ ހިއްސާ ވިއްކުމުގެ ޕްލޭނުގައި ބައިވެރިވެވުނީތީ ހިތާމަކުރާކަމަށް، އެމެރިކާގެ މަހުޖަނު ޖޯޝް ކުޝްނާ ބުނެފި އެވެ. 

"ފީފާ ފޯވާޑް އެންޓަޕްރައިޒަސް" ގެ ނަމުގައި ވޯލްޑް ކަޕްގެ ވިޔާފާރި ޕްރޮޖެކްޓްތަކުގެ ބައިން އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކަން ޕްލޭނެއް މިދިޔަ މަހު ފީފާއިން އިއުލާން ކުރި އެވެ. 

އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އިސްވެ އިއުލާން ކުރި ޕްލޭންގައިވާ ގޮތުން އެ ޕްރޮޖެކްޓް ހިންގަން ފީފާ ފޯވާޑް އެންޓަޕްރައިޒަސްގެ ނަމުގައި ކުންފުންޏެއް އުފައްދައި، އެ ކުންފުންޏަށް މުބާރާތްތަކުގެ ބްރޮޑްކާސްޓިން ރައިޓްސް އާއި ބްރޭންޑް ރައިޓްސް ބަދަލުކުރުމަށެވެ. އަދި އިންވެސްޓަރުންނަށް އެ ހިއްސާ ވިއްކާނީ އެ ކުންފުނި މެދުވެރިކޮށެވެ. 

އެ ޕްރޮޖެކްޓަށް އެންމެ ބޮޑު އިންވެސްޓެއް ކުރަން އުޅުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާ އެވެ.

އޭނާގެ ކުންފުނި، ތުރައިވް ކެޕިޓަލުން، އެ ޕްރޮޖެކްޓަށް 4.2 ބިލިއަން ޑޮލަރު ހޭދަކުރަން އޮތީ ރާވާފަ އެވެ. އެއީ އެ ޕްރޮޖެކްޓްގެ 20 ޕަސަންޓް ހިއްސާ އެވެ.

ފީފާގެ މެންބަރު ގައުމުތަކާ މަޝްވަރާނުކޮށް އެ އިދާރާއިން އިއުލާން ކުރި އެ ޕްރޮޖެކްޓުން ހިއްސާ ގަންނަން އުޅުނު މައްސަލައިގައި ޔޫއެފާއިން ވަނީ ނިއުޔޯކުގެ ކޯޓަކަށް ހެކި ހޯދަން ހުށަހަޅާފަ އެވެ. އެ މައްސަލަ، ޔޫއެފާއިން ހުށަހެޅީ ކުޝްނާ ނުވަތަ އޭނާގެ ކުންފުންޏަކީ ކުށްވެރިންގެ ގޮތުގައި ބަލައިގެނެއް ނޫނެވެ.

އެކްސިއޯސް އަށް ދިން އިންޓަވިއުގައި ކުޝްނާ ބުނީ ދުނިޔޭގެ ފުޓުބޯޅައިގެ ސިޔާސީ އޮއިވަރު އޮތްގޮތް އޭނާއަށް ނޭނގުނުކަމަށެވެ.

"މިކަން މިފަދަ ބޮޑު މައްސަލަގަނޑަކަށް ބަދަލުވެގެންދާނެކަން ކުރިން އެނގުނުނަމަ އަހަރެމެން މިކަމުގައި ބައިވެރިއެއް ނުވީސް،" އޭނާ ބުންޏެވެ. 

އޭނާ ބުނީ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ފީފާގެ 211 މެންބަރު ގައުމަށް ހަމަހަމަކަމާ އެކު ފައިސާ ފޯރުކޮށްދީ ކުދި ގައުމުތަކުގައި ވެސް ފުޓުބޯޅަ ކުރިއަރުވަން އެހީތެރިވުން ކަމަށެވެ.

"މި މަޝްރޫއުގެ ފަހަތުގައިވާ މައިގަނޑު ވިސްނުމަކީ ފީފާގެ 211 މެންބަރު ގައުމަށް ހަމަހަމަކޮށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދިނުން. އަދި ފުޓުބޯޅައިގެ (ރޭންކުގެ) ފަހަތުގައިވާ ގައުމުތަކަށް އެހީވެދިނުް، ދަށް ފަންތީގެ ފުޓުބޯޅައިގައި ވެސް ހުނަރުވެރި ކުޅުންތެރިން އުފައްދައި ސަޕޯޓަރުންގެ އިހްސާސާތައް މަތިކޮށް މުޅި ދުނިޔޭގައި ކުޅިވަރު ކުރިއެރުވުން."

އިންފަންޓީނޯގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ މަސްރަހުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފަ އެވެ. އެ މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ދައުވާކުރުމަށް ޔޫއެފާއިން ދަނީ ތައްޔާރުވަމުންނެވެ.