ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ 129 ޕަސެންޓް އިތުރަށް ބަދަލު ދޭން ހޭދަކޮށްފި އެވެ.
މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް ކަނޑައަޅާފައިވާ އަދަދަކީ 31 މިލިއަން ރުފިޔާ އެވެ. އެކަމަކު މިހާތަނަށް އެފަދަ ހަރަދުތަކަށް 71 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބަދަލު ދިނުމަށް ހޭދަކުރީ 15 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ނިމުނު އިރު ބަދަލު ދިނުމަށް 24 މިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް 75 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ބަދަލު ދޭން 101 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ބަދަލު ދިނުމަށް 2024 ވަނަ އަހަރު ބަޖެޓުން ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ފައިސާ ދޭންޖެހުމުގައި ދައުލަތުގެ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އެއްބަސްވުންތައް އުވާލާއިރު، އޭގެ ޓާމްސްތަކާއި އަމަލުކުރަންޖެހޭ ކުރަންޖެހޭ އިޖުރާއަތްތަކަށް އަމަލު ނުކުރެވި، ނޫނީ ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގައި އިހުމާލުވެފައި އެބަހުރި ކަމަށް އެ އިދާރާއިން ފާހަގަކުރި އެވެ.
އޮޑިޓް އޮފީހުން ވަނީ އަމިއްލަ ފަރާތަކަށް މަސައްކަތެއް ހަވާލުކޮށް އެ ކަމަށް ފައިސާ ނުދީ ހުރި ނަމަ އެ ފައިސާއެއް ދައުލަތުން ދޭން ޖެހޭނެ ކަމަށާއި އިންސާފުވެރި ބަދަލެއް ވެސް ދޭން ޖެހޭނެ ކަން ފާހަގަކޮށްފަ އެވެ.
ނަމަވެސް ނާޖާއިޒް ގޮތުގައި ބަދަލުތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކުރަން ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން ނުވަތަ އެއްބަސްވުން ހަދާއިރު ވެސް އެފަދަ ކަންކަމަށް ފަހި ނުވާނެ ގޮތަކަށް ކަންކަން ރޭވުމަށް އޮޑިޓް އޮފީހުން އެދެ އެވެ.