ނޭޕާލާއި ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ފަރުބަދަތަކުގެ މަތިން ގްލޭސިއާއެއް (ބިޔަ ގަނޑުފެންގަނޑެއް) ކަނޑައިގެން ވެއްޓި އުފެދުނު ކުއްލި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،114 އަށް އަރައިފި އެވެ. މީގެ އިތުރުން ބޯޑަރުގެ އަނެއް ފަރާތުން، ޗައިނާއިން ވެސް 16 މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައި ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.
އެހެންވެ، މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،130 އަށް އަރައިފަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ އިތުރުވެފައި ވާއިރު ނޭޕާލުން އަދިވެސް 4،462 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 583 ޓޫރިސްޓުން ހިމެނެއެވެ.

ނޭޕާލުގައި ފެން ބޮޑުވި ހިސާބުގައި ހުރި ގެއެއް ކިސަޑާއި މަށިން ފުރިފައި. -- ފޮޓޯ: އޭއެފްޕީ
ތްރިޝޫލީ ކޯރު ކައިރީގައި ހުރި ހައިޑްރޯޕަވަ ޕްރޮޖެކްޓްތަކުގެ ތެރޭގައި 500 އާއި 600 އާ ދެމެދުގެ އަދަދަކަށް މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭތީ، ސަލާމަތްކުރާ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވަރަށް އަވަހަށް ހަލާކުވަމުންދާތީ، ޑީއެންއޭ ސާމްޕަލް ނެގުމަށްފަހު، ދެނެނުގަނެވޭ މީހުން މިހާރު ގެންދަނީ ވަޅުލަމުންނެވެ. މިގޮތަށް ކަންތައް ކުރަން ޖެހިފައި ވަނީ ހަށިގަނޑުތައް ފިނިކޮށްފައި ބެހެއްޓުމުގެ ކެޕޭސިޓީ ނެތުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އދ. އިން ބުނެފައިވާ ގޮތުގައި ނޭޕާލުގައި މި ވަގުތު 65،000 އަށްވުރެ ގިނަ މީހުން ތިބީ ސާފު ބޯފެނާއި ސާފުތާހިރުކަމަށް ބޭނުންވާ އަަސާސީ ވަސީލަތްތަކަށް ބޭނުންޖެހިފަ އެވެ.
މި ހާދިސާގެ ތެރޭ މިހާތަނަށް 12،000 އެއްހާ މީހުން ސަލާމަތްކުރެވިފައިވާއިރު، މަގުތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމަށް ދަތިވެފަ އެވެ.