(އާދިއްތަ ދުވަހާ ގުޅޭ)

"މަ ބުނާ ކަމެއް ކުރަން ކެރޭނެ؟" އާދަނަށް ބުނެވުނެވެ.

"ދެން އެ ބައްތެލިގަނޑު މި ރަށަށް އަންނަންވާ އިރަށް ބޮޑު ވަލެއް ހޯދަންވީ." އާދަނު ކުރި ސުވާލަށް ޖަވާބުދިނުމަކާ ނުލައި މީހަކު ބުންޏެވެ. "އަންހެންކުދިންތައް ގޮވައިގެން ހަމީދު ފޭބީމަ އެ ކުދިންނާ އެއްކޮށް ބަނދެލަނީ. އޭރުން ދެން އެ ނިމުނީނު. ތަތްވެގެން ތިބެދާނެއްނު."

"އެއީ ކީއްވެ ބަންނަންވީ؟" ހައިރާންވި ކަމަށް ހެދިފައި އާދަނު ބުންޏެވެ. "ކަލޭމެނެއް ނޫންތަ މިއަދު ދުއާކުރީ، ހަމީދަށް ނުނިޔަތްލީ މީހަކު ނިކަމެތި ކުރައްވާނދޭވޭ ކިޔާފަ. ދެން މިހާރު ތި ކިޔަނީ އޭނަ ބަންނަންވީއޭ! ބަލަ ކަލޭމެން ދުއާގަ ތި އެދޭ ގޮތަކަށްނު މި ނިމެނީ."

"އެއީ ތެދެކޭ!" ކުރިން ވާހަކަ ދެއްކި މީހާ ވިސްނާލައިފައި ބުންޏެވެ. "އަހަރުމެން ކޮސްގޮވާފަ މި އައީ."

"ބަލަ އާދަނު ވެސް އާމީން ކިއީމެއްނު!" އެހެން މީހަކު ބުންޏެވެ. 

"ނުކިޔަން،" ޖޯލިން ތެދުވަމުން އާދަނު ބުންޏެވެ. "ކަލޭމެންގެ ތެރެއިން ވެސް އެ ކަމަށް ނުރެހޭ މީހަކު ހުރިއްޔާ އާމީން ނުކިޔާ ހަމަ ތިބެވޭނެއްނު. ތިބެފަ އެންމެން ވެސް ނުކުންނަ އިރަކުން ނުކުތީމަ ކާކަށް އެނގޭނީ؟"

އެ ވާހަކަޔާ މެދު ހިތްހަމަނުޖެހުނު މީހަކު އެ ތަނުގައި އިނެވެ. އޭނައަކީ، މިސްކިތުގައި ވެސް އާދަނު ގާތުގައި އިން މީހެކެވެ. ހަމީދުގެ ޖާސޫސެކެވެ. ރައްޔިތުން ތިބީ ކައިގެންތޯ، އުނުއޮރިޔާން ނިވާކޮށްގެންތޯ ބެއްލެވުމުގެ ބަދަލުގައި ހަމީދު އިސްކަން ދެއްވަނީ ޖާސޫސުން ފޮނުއްވައިގެން، ހަމީދުގެ ފިކުރާ ދެކޮޅު މީހުން ހުނިޖެއްސެވުމަށެވެ. ހަމީދުގެ ޖާސޫސުންނަށް ބަޔަކު ފާރަލާ ކަމެއް ހަމީދަކަށް އެނގިވަޑައެއްނުގަންނަވައެވެ. 

ރޭގަނޑުވުމުން އާދަނު ވަރަށް އެކަނިވެރިވެއެވެ. ކިތަންމެ މަޖާ މާހައުލެއްގައި އިނަސްވެހެވެ. އާންމުކޮށް ހަފީޒާއާ ބައްދަލުކުރަން ދާ ގަޑި ކައިރިވާ ވަރަކަށް، އާދަނުގެ އެކަނިވެރިކަން ފުންވެއެވެ. އާދަނަކަށް އެ ހިތާމަތަކެއް ނުފޮރުވެއެވެ. ކޮންމެ ރެޔަކު ވެސް މުދިންކަލޭގެ ކޮންމެވެސް ކަމެއް ރާވަނީ އެހެންވެއެވެ. ހިތާމައަކީ، ބޮޑުބެރު ފަދަ ލޭހޫނުވާ ކުޅިވަރެއްގެ ލަވަ ކުންނާ ހަމައަށް ދާ އިރު ވެސް އާދަނުގެ މޫނުމަތިން އުފާވެރިކަން ނުފެންނަކަމެވެ. 

"އާނ ދެން މި ރެޔަށް ހުއްޓާލަމާ ބަހީނ!" މުދިންކަލޭގެ އެދުނެވެ. 

ކުޅިވަރު ކުޅުނު މީހުން ބެރުތައް ހިފައިގެން ގޮސް އަވަދިވުމުން އާދަނު ގޮވައިގެން މުދިންކަލޭގެ އަތިރިމައްޗަށް ނުކުތެވެ. މައިޒާނަށް ދިޔައެވެ. އެ ވަގުތަކީ މައިޒާން ހުސް ވަގުތެކެވެ. އާދަނު ބެއިންދީ ކުރީ ދުވަހު ވެސް އާދަނު އިން ޖޯލީގައެވެ. 

"އާދަނު ތި ތާ އިން އިރު، އެހެރަ ޖޯލީގަ އިން މީހާ ހަނދާން އެބަ ހުރި؟" މުދިންކަލޭގެ އެއްސެވެ. 

"ހަނދާން ކީއްވެ ނުހުންނާނީ؟" އާދަނު ބުންޏެވެ. "އަހަންނާ ދިމާއަށް އޭނަ ބެލި ގޮތަށް ވަގު ބުޅަލެއް މަސްގަނޑާ ދިމާއަށް ވެސް ނުބަލާނެ. ކާކުތަ އެއީ؟"

"ހަމީދުގެ ޖާސޫސެއް." މުދިންކަލޭގެ ބުންޏެވެ. 

"މަ ނުގަނޭ ބިރެއް،" އާދަނު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އަހަންނަށް އަލަކުން ދޭނެ އަދަބެއް ނޯންނާނެ. މަރާލަން ޖެހޭނީ."

"ތި ހީކުރީ އާދަނު މަރާލަން ނުކެރޭނެ ކަމަށް؟" މުދިންކަލޭގެ ދެކޮޅު ބަލައިލާފައި ބުންޏެވެ. "އޭނަ އަށް ކެރޭނެ އަތްކަނޑަން. ބަޑިޖަހަން ވެސް ކެރޭނެ. ގަނޑުވަރަށް ގެންދާ ކިތައް މީހުން ގެއްލެނީ؟ ހަމީދުގެ ވެރިކަން ފިރުކައިލަން ސިއްރުން ސައްލާކުރަނީ ކަމެއް ވެގެނޭ! ވެރިކަން ބޭނުންވާ ކިތައް އާއިލާ އެބަ ތިބި؟ އެއް ބަޔަކު ބޭނުންވަނީ ތަނަވަސްކަން. އަނެއް ބަޔެއްގެ ހިތުގަ އޮތީ ޒާތީ ހަސަދަ. މައްސަލައަކީ ކަމެއް ކުރަން ކެރޭ، ތި ކަހަލަ މީހަކު ނެތުން. އަހަންނަށް ފެނޭ ލަކުޑިގަނޑެއްގެ އެތެރެ ކަތުރުފަނި ކައި ހުސްކުރާ ހެން އާދަނުގެ ހިތް ވީރާނާވާ ތަން. ހިތްވަރުކުރޭ އާދަނާ! ވަގުތު މި އޮތީ ވަރަށް ކުޑަތަންވެފަ. އަހަރުމެން ކުރި ހިތްވަރެއް އޮތީ. އަޑުއަހަންތަ އަނގަޔާ އަތާ ދިމާނުވި ވާހަކަ؟" ނޫނެކޭ ބުނުމުގެ ގޮތުން އާދަނު ބޯހޫރައިލުމުން މުދިންކަލޭގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އެ ތިބެނީ ކެރޭ މީހުންނަކީ."

އާދަނަށް ހިތްވަރު ދިނުމަށް ޓަކައި މާޒީގެ ހާދިސާއެއް މުދިންކަލޭގެ ކިޔައިދިނެވެ. އޭނަ ބުނި ގޮތުގައި، ދުވަސްވަރަކީ ރާއްޖެއަށް އައި އެންމެ ވިޔާނުދާ ޒަމާނެވެ. މަކުނުކުޅިވަރު އާންމުކަމުންނެވެ. ހެންވޭރު ގަނޑުވަރަކީ، އޭރު ހުންނެވި ނުފޫޒުގަދަ ވެރިންގެ ތެރެއިން ވެރިއެއް ކަމުގައިވާ ދޮށީ މަނިކުފާނު އޭނާގެ ދަރިފުޅު ހަސަން މަނިކުފާނަށް ހައްދަވައި ދެއްވި ތަނެކެވެ. ދޮށީ މަނިކުފާނާއި އަމްޖަދު ރަސްގެފާނާ އޮންނަނީ އަޑިއަޑިން ޖެހިފައެވެ. ވީމާ، ގަނޑުވަރުގައި އޮންނަނީ ވަކި ސަރުކާރެކެވެ. ސަރުކާރުން މުސާރަ ދީފައި ތިބޭ އެތައް މުވައްޒަފުންނެއް އެ ގަނޑުވަރުގައި ތިއްބަސް، ސިފައިންނަކަށް ހެންވޭރު ގަނޑުވަރު މީހުންނަކަށް އަމުރެއް ނުކުރެވޭނެއެވެ. އެ މީހުން އުޅޭނީ އެ މީހުން ބޭނުން ގޮތަކަށެވެ. ރޭ ވެއްޖެއްޔާ އެ ގަނޑުވަރުގައި އޮންނަނީ ނާސިމުޖުރާކުރުމެވެ. ފިރިހެނުން، އަންހެން ހެދުން އަޅައިގެން ނެށުމެވެ. އެ ގަނޑުވަރުގެ އެންމެ ނުފޫޒުގަދަ މީހަކީ، ވަނަމަކަށް ދިއްދޫ ދޫނި ކިޔާ މީހެކެވެ. އޭނައަކީ ދެ ކޮޅުން ކާ ވެނެކެވެ. އެއް ކޮޅުގެ ވާހަކަ އަނެއް ކޮޅަށް ގެންދިޔުމުގެ ވިޔަފާރިކުރާ، ދެބައޮޑުވާ މީހެކެވެ. 

"ރައްޔިތުން ހަނާވާ އިރު ވެސް ކަލޭމެން ކަންކަމާ އަޅާނުލާ ތި ތިބެނީ ރަށުގަ ރޯވަންދެންތަ؟" ހަސަން މަނިކުފާނު ބުނުއްވި ކަމަށް ވެއެވެ. "މިހާރު ހަވަރު އެއްވާން ވެއްޖެ! ރައްޔިތުން އެއްވާން ވެއްޖެ! އަމްޖަދު ރަސްގެފާނު ބާލަން ވެއްޖެ!"

ދިއްދޫ ދޫނި ކަނުލައި އަޑުއަހަން އިނެވެ. 

"މިހާރު ވެސް ނިކަން ވިދާޅުވެބަލަ އަމްޖަދު މަރާލާށޭ!" ހަސަން މަނިކުފާނު ގާތުގައި ބޮޑުދޮންމަނިކު ބުންޏެވެ. "މިރޭ ވިދާޅުވިޔަސް މަރާލާނަން."

އެ އަޑު އަމްޖަދު ރަސްގެފާނު ކަންފަތްޕުޅާ ހަމައަށް ދާކަށް މާ ގިނަ އިރެއް ނުނެގިއެވެ. އޭގެ ދެ ރެޔެއް ފަހުން، އަމްޖަދު ރަސްގެފާނު ގިނިކަންޏާ ބޮޑުދޮންމަނިކު ގެއަށް ވަޑައިގަތް ކަމަށް ވެއެވެ. އޭރު ބޮޑުދޮންމަނިކު ގެއިން ނުކުންނަނީއެވެ. ރަސްގެފާނު ފެނުމާ އެކު ބޮޑުދޮންމަނިކަށް ވަރުގަދަ ސިހުމެއް ލިބުނެވެ. 

"ބޮޑުދޮން! ކެވޭ ވަރުގެ ދޮންއަނބެއް ނެތްތަ؟" ރަސްގެފާނު ވިދާޅުވިއެވެ. 

"އަނބު ހުންނާނެ. އެތެރެއަށް ވަޑައިގަންނަވާ!" ބޮޑުދޮންމަނިކު ޖަވާބުދިނެވެ. 

"އަނބު ހިފައިގެން ހިނގާ ބޭރަށް،" ރަސްގެފާނު ވިދާޅުވިއެވެ. "ވަޅިއެއް ވެސް ގެންނާތި! އަހަރެން ބޭރުގަ މަޑުކޮށްލާނަން."

ބޮޑުދޮންމަނިކު އަވަސްއަވަހަށް ގޭތެރެއަށް ވަނެވެ. ހިތަށް އެރިއެވެ. އަމްޖަދު ރަސްގެފާނު ފަރިއްކުޅުވާނެ އަނބެއް ގަނޑުވަރުގައި ނެތިއެއް ނުދާނެއެވެ. އެ މަނިކުފާނަކީ ގިނިކަންޏާ އެއްވެސް ތަނަކަށް ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫނެވެ. ކޮންމެއަކަސް، ތިން އަނބާއި ވަޅިއެއް ހިފައިގެން ބޮޑުދޮންމަނިކު ނުކުތެވެ. 

"ހިނގާ އަލިރަސްގެފާނު ޒިޔާރަތް ދޮށަށް." ރަސްގެފާނު ވިދާޅުވިއެވެ. 

ސުވާލުތައް ފުނިޖެހިފައިވާ ހާލުގައި ބޮޑުދޮންމަނިކު ފާލަމަށް އަރައިގެން، ރަސްގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. 

"ބޮޑުދޮންމަނިކާ! ވަރަށް އެބަ ނިދިއާދޭ މިރޭ!" ރަސްގެފާނު ވިދާޅުވިއެވެ. 

އަލިރަސްގެފާނު ޒިޔާރަތް އޮންނަނީ ތޮށިގަނޑާ ކައިރީގައެވެ. އެ ތަނަށް ދާން އޮންނަ ފާލަމުގެ ދެ ފަރާތާއި ޒިޔާރަތުގެ އެތެރޭގައި ދެ ފޫޓެއް ހައި އުސް ގާފޮޅުތައް ހުރެއެވެ. ރަސްގެފާނު ވަޑައިގެން ގާފޮޅުގައި ބޯއަޅުއްވައިގެން އޮށޯވެވަޑައިގަތެވެ. އަނބު މަށައިދޭން ރަސްގެފާނު އަރިހުގައި ބޮޑުދޮންމަނިކު އިށީނެވެ. އެއީ މޫސުން ރީތި ރެޔެކެވެ. ރަސްގެފާނު ލޯފުޅުމެރުއްވިއެވެ. ބޮޑުދޮންމަނިކު ގެންގުޅުނީ ފިސާރި ތޫނު ވަޅިއެކެވެ. 

"އަނބު ތައްޔާރު." ބޮޑުދޮންމަނިކު ދެންނެވިއެވެ. 

ރަސްގެފާނު ލޯފުޅު ހުޅުއްވެވިއެވެ. އަނބު ފަރިއްކުޅުވައިގެން، އަނެއްކާ ވެސް އަވަހާރަފުޅުލެއްޕެވި ކަމަށް ހައްދަވައިގެން އިރުކޮޅަކު އޮންނަވާފައި ތެދުވެވަޑައިގަތެވެ. 

"ކޮބާ ބޮޑުދޮންމަނިކާ! ދެން ދާންވީނު!" ރަސްގެފާނު ވިދާޅުވިއެވެ. "މިހާރު ވަރަށް ދަންވެއްޖެ! އަނގަޔާ އަތާ ދިމާނުވާ ފަހަރު ވެސް އަންނާނެ. ކަންޏެއް ވެސް ޖަހާނުލާ ވިލާގަނޑު އެ ދިޔައީ ވަޔަށް."

އިބުރަތުން ފުރިގެންވާ އެ ވާހަކަ ކިޔައިދީ ނިންމާލައިފައި މުދިންކަލޭގެ ބުންޏެވެ. 

"އާދަނު ވެސް ވާންވީ އަމްޖަދު ރަސްގެފާނު ކަހަލަ ހިތްވަރުގަދަ މީހަކަށް. އަމްޖަދު އަވަހާރަ ކޮށްލަން ބޭނުންވި މީހާ އަތަށް ވަޅި ދީފަ، އަތްފޯރާ ހިސާބުގަ ލޯ ވެސް މަރުއްވައިގެން އޮންނެވީ."

ހިތްދަތިކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި މުދިންކަލޭގެ އާއި ދޮންމަނިކު ފަދަ ރައްޓެހިން ދިން ހިތްވަރުން އާދަނަށް ވަރަށް ފައިދާކުރިއެވެ. ފައި ރަނގަޅުކޮށްގެން އާދަނު މާލެ އައި ދުވަހަކީ، ސިފައިންގެ މަތީ ވެރިޔެއްގެ މަގާމު ނާސިރަށް ދެއްވި ދުވަހެވެ. މަގާމު ކިތަންމެ މަތި ނަމަވެސް، ސިފައިންގެ ހެދުން ލައްވައިގެން ނާސިރު ސިފައިންގެއަށް ދުރުވަނީ ހަވީރު ފަސްގަޑި ބައިގައެވެ. ހައެއްޖަހާ އިރު ގެއަށް ދުރުވެއެވެ. އެ ހިސާބުން މަސައްކަތް ނިމުނީއެވެ. 

ބާރުގެ ކުޑަ މިންވަރެއް ދެއްވާފައި ވެސް މާ ގިނަ ދުވަހަކު ނާސިރު މަގާމަކު ނުބެހެއްޓެވިއެވެ. ޖެހުނު ޒާތީ މައްސަލައެއްގައި ނާސިރު ސިފައިންގެ މަގާމުން ވަކިކުރެއްވިއެވެ. އޭރު ކަފަދަނޑި މާލެއަށް ގެނެސްފައި ހުއްޓެވެ. ނާސިރު ލެއްވީ ކަފަދަނޑިތައް މަގުމަތީގައި ޖެހުމުގެ މަސައްކަތުގެ ސަރުދާރަކަށެވެ. އެއީ ބޮކި ޖަހާށާއި ކަރަންޓު ނަރު ދަމަން ބޭނުންކުރި އެއްޗެކެވެ. ބޮޑު ބާރެއް ދެއްވާ ވަރަށް ނާސިރަށް ހަމީދު އިތުބާރު ނުކުރެއްވި ނަމަވެސް ހަމީދުގެ އެކުވެރިކަން ނާސިރު ދެމެހެއްޓެވިއެވެ. ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. 

ހަމީދު ރަސްމީ ދަތުރުފުޅެއްގައި ފުރައިވަޑައިގަތެވެ. ކާސިމު ކަލޭފާނާއި މޫސާ ކަލޭފާނާއި އަހަންމައިދީދީ އާއި ރަން އިބްރާހީމް ކަލޭފާނު ބައިވެރިވެގެން ހަމީދުގެ ވެރިކަން ވައްޓައިލަން ފާމުދޭރިގޭގައި ޖަލްސާކުރި އިރު، ކޮންމެ ރެޔަކު ވެސް އާދަނު ބައިވެރިވިއެވެ. އާދަނު އަޑުއަހަން އިންނަނީއެވެ. ސުވާލެއް އޮތިއްޔާ ކޮށްލައެވެ. ގޮތް ކިޔަނީ ބޮޑެތި މީހުންނެވެ. ސަރުކާރާ ދެކޮޅަށް އެންމެން ނުކުންނަން ބުނެފައި އޮތީ ހުކުރުދުވަހުއެވެ. ގިނަ ފަހަރަށް ކަންކަމުގައި މީހުން އެއްވެގެން އެގޮތްމިގޮތަށް އުޅެގަތުމުގެ ތެރޭގައި، ވެރިން ރޭވި ގޮތާއި ދަށުން ތިބޭ މީހުން ރޭވި ގޮތް ތަފާތުވެއެވެ. އެހެން ވެއްޖެއްޔާ ދެން ވާ ގޮތަކީ، ހައްޔަރުކުރާ މީހުންގެ ތެރެއިން ވެރިން ބޭނުންވާ ބަޔަކު ފަހުން މިނިވަންކޮށްފާނެއެވެ. އެ މިނިވަންވާ މީހުން އައިސް އާދަނުމެން ކަހަލަ އާދައިގެ މީހުން އޮބައިގަންނާނެއެވެ. ބަދަލުހިފާނެއެވެ. ވީމާ، ރާވައިފައި އޮތީ، ވެރިކަން ވައްޓާލަން ހުކުރުދުވަހު ނުކުމެފައި، ހަމީދަށް ތާއީދު ކޮށްފާނެ ހެން ހީވާ ވެރީން ވެސް ދޯނިފަހަރަށް ލާފައި ރަށްރަށަށް އަރުވައިލާށެވެ. ލޭހޫނުވެފައި ހުއްޓަސް އޭރު އަދި އާދަނުގެ ގައިގަ ރިހުން އެއްކޮށް ފަސޭހައެއް ނުވެއެވެ. ހާއްސަކޮށް ހިތުގެ ރިހުމަށް ކުޑަ ވެސް ލުޔެއްނުލިބެއެވެ. 

ހުކުރުދުވަހަށް އިރު ފެނުން ތޮޅިލިއެވެ. (ނުނިމޭ)