ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެކްސިޑެންޓު ހިނގަން މެދުވެރިވީ، އުމުރުން ނުވަ އަހަރުގެ ކުއްޖާ އިން ސައިކަލް އޯވަޓޭކް ކުރުމުގެ ތެރޭގައި އެހެން މީހެއްގެ ގައިގައި ސައިކަލުން ޖެހި ވެއްޓުނު ވަގުތު ދުއްވާފައި ދިޔަ އެހެން ކާރަކުން ކުއްޖާގެ ގައިގައި ޖެހިގެން ނުވަތަ ގައިމައްޗަށް ކާރު އަރައިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދަށް އައިޖީއެމްއެެޗުގައި ފަރުވާދެމުން އަންނަނިކޮށް އިއްޔެ ރޭ ފަތިހު ވަނީ ނިޔާވެފަ އެވެ. ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން އައި ޒީވާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ފަރުވާދިނީ ވެންޓިލޭޓަރުގަ އެވެ.

ޒީވާ އާއި ބައްޕަ ސިނާން
އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓުގެ ސީންގެ ތަހުގީގުން މިހާތަނަށް އެނގިފައި ވަނީ ފުލުހުން މީޑިއާއާ ރޭ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން، މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އެ ވަގުތު އެ ކާރު އޯވަޓޭކް ކުރި ސައިކަލުން ކާރު ޑްރައިވަރުގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނީ ކަމަށް ފުލުހުން ބުނެ އެވެ.
"އަދި އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު އުމުރުން 9 އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވެ އެވެ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ވެ އެވެ.
ފުލުހުން ބުނި ގޮތުގައި، އެކްސިޑެންޓުވީ އެހެންވެތޯ ކަށަވަރު ކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވަނީ ހިފަހައްޓާފައިވާ ކަމަށެވެ.
ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މަގުގެ އެއްފަޅި އަށް މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ ކާރު ދުއްވީ އޭނާގެ ލައިސަންސް ކުރިން ވެސް ހިފަހައްޓާފައި ވަނިކޮށެވެ. އެހެންވެ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައި ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވިއިރު، އުމުރުން ނުވަ އަހަރުގެ ޒީވާ އިން ސައިކަލް ދުއްވީ އެ ކުއްޖާގެ ބޮޑުދައިތައެކެވެ. އުމުރުން 18 އަހަރުގެ އެ މީހާ އަށް ވެސް އަނިޔާވެގެން ފަރުވާދިނެވެ.
އެކްސިޑެންޓްވުމާ އެކު ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ.