އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނައިފި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އެ ގާނޫނުގައިވާ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ އެ ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެ މީހަކު ޖޫރިމަނާ ކުރުމެވެ. 

އެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން މީހަަކަށް އަނިޔާއެއް ލިބިއްޖެ ނަމަ ކުށްކުރި މީހާ ޖޫރިމަނާކުރާނީ 100،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. 

އެފަދަ ކުށެއް ކުރާ މީހަކު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޖޫރިމަނާ ކުރިޔަސް، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހައަށް ޖިނާއީ ދައުވާ ވެސް ކުރެވޭނެ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ވެސް އެފަދަ މީހުންނަށް ދެވޭނީ ހަމައެކަނި ޖޫރިމަނާ ކުރުމުގެ އަދަބެއް ނޫނެވެ. އެ ގާނޫނުގެ 102 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުން އެފަދަ މީހުންގެ ލައިސަންސް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ބާތިލުކުރެވޭނެ އެވެ. ޝަރީއަތުން ކަނޑައަޅާނީ ލައިސަންސެއް އޮތުމުގެ ހައްގު އެ މީހުންނަށް އެ މުއްދަތަށް ގެއްލިފައިވާ ކަމަށެވެ.

ލައިސަންސް ނެތި އެ ކުށް ކުރާ މީހާއަށް ލައިސަންސް ނެގުމުގެ ހައްގު އެ މުއްދަތަށް ގެއްލޭނެ އެވެ. 

ލައިސަންސް ބާތިލުކުރާ ނުވަތަ ލައިސަންސް ނެގުމުން މަހުރޫމްކުރާ މުއްދަތު ހަމަ ވުމަށް ފަހުގައި ވެސް އެ މީހުންނަށް ލައިސަންސް ދޭނީ ވަކި ޝަރުތުތަކެއް ހަމަކުރުމުގެ އިތުުރުން، ކަމާ ބެހޭ އިދާރާއިން ހިންގާ އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު އެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ އިތުރުން އެ ކުށަށް މަގުފަހިވާ ފަދަ އަމަލެއް ކުރުމަކީ ވެސް އާ ގާނޫނުގައިވާ ގޮތުން ކުށެކެވެ. އޭގެ އެއްކަމަކީ ޕަސިންޖާ ސީޓުގައި އިންނަ މީހަކަށް އުޅަނދުގެ ކޮންޓްރޯލް ދޫކޮށްލުމެވެ. އެގޮތަށް އަމަލުކޮށްފި ނަމަ އެ ކުށުގެ އަދަބަކީ 25،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަަދަކުން އެ މީހަކު ޖޫރިމަނާކުރުމެވެ.

އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެކްސިޑެންޓްތައް މަދުކުރުމަށާއި ތޮއްޖެހުން ކުޑަކުރަން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މި ނޫން ވެސް ގިނަ ފިޔަވަޅުތަކެއް ހިމަނާފައި ވެ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ނަމުގައި އާ ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެެރެއިން 47 މެންބަރުން ވޯޓުދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.