ހުޅުމާލެ 2 ގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ބައްޕައަކާއި ދަރިއަކަށް އަނިޔާވެ ބައްޕަގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ހިނގި އެ އެކްސިޑެންޓެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހެނދުނު 7:44 ގައި ކަމަށެވެ. 

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 62 އަހަރުގެ ފިރިހެނަކާއި ސައިކަލް ފަހަތުގައި އިން 24 އަހަރުގެ ފިރިހެނަށް އެކިވަރު އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. 

އެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ތެރެއިން ބައްޕަގެ ހާލު ސިރިއަސްވެ، އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ވެ އެވެ. 

މި ހާދިސާ ހިނގީ ސައިކަލާއި ކާރެއް ޖެހިގެންނެވެ. ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖަކު މިއަދު ވަނީ ނިޔާވެފަ އެވެ. މި އެކްސިޑެންޓުގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ.

އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރި އަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.