މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތާ ގުޅޭ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން ހާއްސަ އިސްކަމެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުއްޖެއް ޜޭ ފަތިހު ނިޔާވުމާއި ހުޅުމާލޭގެ އިމާރާތަކުން ދެ އަހަރުގެ ކުއްޖަކު މިއަދު ވެއްޓި، ނިޔާވުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޚަބަރުތަކުން މުޅި ގައުމަށް ވެސް ނުތަނަވަސްކަމާއި ހިތާމަވެރި އިހުސާސްތަކެއް ކޮށްފައިވާ ކަމަށެވެ.
"މި މައުސޫމް ދެ ކުދިންގެ އާއިލާއަށް ތައުޒިޔާ ދަންނަވަން. އަދި، އެ ދެ މަރްހޫމުން، ސުވަރުގޭގެ މަތިވެރި ނިއުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުއާކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ އެފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަންޏާއި ރެއިލިން ފަދަ ސަލާމަތީ ކަންކަން ކަށަވަރު ކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.
ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ތުއްތު ކުދިން ބެލެހެއްޓުމުގައި އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގޭގައި އިމާރާތްތައް ބަލަހައްޓާ މީހުންނާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި އާންމުން ގުޅިގެން ހާއްސަ އިސްކަމެއްދީގެން މަގުމައްޗާއި އިމާރާތްތަކުގެ ރައްކާތެރިކަން ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވަރަށް ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްދިނުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
"ދިވެހި މުޖުތަމައު އާއި އާއިލާތަކަށް ސަލާމަތާއި އަމާންކަން މާތްﷲ މިންވަރުކުރައްވާށި! އާމީން،" ރައީސް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިހު އެވެ. އަދި ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓެއްގެ 12 ވަނަ ފްލޯއިން ވެއްޓިގެން ދެ އަހަރުގެ ކުއްޖަކު މިއަދު ހެނދުނު ވަނީ ނިޔާވެފަ އެވެ.