މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ ތަރި މުހައްމަދު ސަލާހު، އެ ސިޓީގައި ދިރިއުޅޭ ގެ ހުންނަ މަގަށް އޭނާގެ ނަމުން ނަންދިނުމަށް ކައުންސިލުން ނިންމައިފި އެވެ.
ލިވަޕޫލްގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު، ހިލޭ ޓްރާންސާފާގައި ސަލާހް މިފަހަރުގެ ޓްރާންސާފާ ޕީރިއަޑްގައި ތުރުކީގެ ލީގަށް ބަދަލުވީ އަހަރަކު 17 މިލިއަން ޔޫރޯ (19.6 މިލިއަން ޑޮލަރު) ގެ މުސާރައަކަށެވެ.
ސަލާހް ދިރިއުޅޭ ޔޮމްރާ މުނިސިޕަލިޓީގެ މޭޔަރު މުސްތަފާ ބިޔިކް ވިދާޅުވީ، ތުރުކީ ފުޓުބޯޅަ ތާރީހުގައި ސޮއިކުރި އެންމެ ހައިބަތު ބޮޑު ކުޅުންތެރިޔާ އެ ދާއިރާގައި ދިރިއުޅުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ހަފުތާގައި ބާއްވާ ކައުންސިލް ބައްދަލުވުމުގައި ސަލާހް ދިރިއުޅޭ މަގަށް "މުޙައްމަދު ސަލާހު މަގު" ގެ ނަމުން ނަންދިނުމަށް ފާސްކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެން ކުރަންޖެހޭ ކަންތައް މި ނިންމާލީ. ދެން އޮތީ ސަލާހުގެ ދައުރު،" މޭޔަރު މުސްތަފާ ބިޔިކް ވިދާޅުވި އެވެ.
ލިވަޕޫލްގައި 442 މެޗުން 257 ގޯލު ޖަހައި، ޕްރީމިއާ ލީގު ދެފަހަރު އަދި ޗެމްޕިއަންސް ލީގު އެއްފަހަރު ކާމިޔާބުކުރުމަށްފަހު އުމުރުން 34 އަހަރުގެ ސަލާހު ޓްރެބްޒޮންސްޕޯއަށް ބަދަލުވުމާ އެކު އެ ކްލަބްގެ ބްރޭންޑް ވެލިއު ވެސް ވަނީ މަތިވެފަ އެވެ.
ތުރުކީ ސުޕަ ލީގުގައި އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ސަލާހު ދެ ގޯލު ޖެހި އެވެ. ނަމަވެސް ޔޫރޯޕާ ލީގު ކޮލިފައިންގައި ފެރެންކްވަރޯސީ އަތުން 4-0 އިން ޓްރެބްޒޮންސްޕޯ ބަލިވުމާއެކު އެ މުބާރާތުން އޭނާގެ ޓީމު ވަނީ ކަޓައިފަ އެވެ.