ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވައިފި އެވެ.

ތިނަދުއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި ސައުދުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނިގޮތުގައި ސައުދުގެ މައްޗަށް ދެ ދައުވާއެއް ކުރަން ކޯޓަށް ވަނީ ފޮނުވައިފަ އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާކުރަން ފޮނުވީ ތިނަދޫގައި 10،000 މީހުންގެ އާބާދީ އޮތްކަން ދެއްކުމުގެ ގޮތުން ސައުދު ފޮނުވި ސިޓީގައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީ ފޮނުވާފައިވާތީ އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަން ފޮނުވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑް ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ ސައުދުގެ މައްޗަށް ކުރިއިރު، އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަތުވެއްޖެނަމަ، މޭޔަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.