ބުޅާ ގެންގުޅުމަށް ހާއްސަ ރަށެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މަގުމަތީ ބުޅާތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތް ކަމަށެވެ.

ރާއްޖޭގައި "ކެޓް އައިލެންޑް"އެއް ތަރައްގީކުރުމަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުހަލާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"ހަރަދުތަކެއް ހިނގާ ކަމެއް މީގެން ކޮންމެ މަސައްކަތަކީ ވެސް. ކެޓް އައިލެންޑެއް ތަރައްގީ ކުރުމަށްޓަކައި ވެސް އަޅުގަނޑުމެންނަށް އެބަ އޮތް ވަރަށް ރަނގަޅު ޕްރޮޕޯޒަލެއް ލިބިފައި. އެ އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ބުޅާ، ޕެޓް ކޮމިއުނިޓީއަށް އުފާވެރި ޚަބަރެއްގެ ގޮތުގައި އެ މަޝްރޫއު އަޅުގަނޑުމެންނަށް ކާމިޔާބު މަޝްރޫއުއަކަށް ވެގެންދާނެ."

ބުޅަލަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ރާއްޖޭގައި ބުޅަލަށް ވަކިން ހާއްސަ ރަށެއް ހެދިއްޖެ ނަމަ އެއީ އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބުޅާ ގެންގުޅުމަށް ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާއަށް ޖާގަ އިތުރު ކުރުމަކީ ވެސް ބޮޑު ހަރަދެއް ހިނގާނެ މަސައްކަތެއް ކަމަށާއި ނަމަވެސް އޮޅުހިޔާގެ ޖާގަ އިތުރުކުރެވުމުން މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

އޮޅުހިޔާއަށް ގެންދަން މާލޭ މެރީ ބްރައުން ސަރަހައްދުން ބުޅާތަކެއް ނަގައިގެން ގެންދަނީ.

އޮޅުހިޔާއަށް ގެންދަން މާލޭ މެރީ ބްރައުން ސަރަހައްދުން ބުޅާތަކެއް ނަގައިގެން ގެންދަނީ.

އަދި އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެ މައްސަލައަށް ހައްލު ހޯދުމަށް ހަދާފައިވާ "އޮޅުހިޔާ"ގެ ޖާގަ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ތަނުގައި މިވަގުތު 280 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށެވެ.

އެތަން މަރާމާތު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި ނިމުމުން 500 އެއްހާ ބުޅާ ބެލެހެއްޓޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޖުމްލަ 30 މިލިއަން ހަރަދު ކޮށްގެން އެޅި އެ ފެސިލިޓީއަކީ 3،000 ބުޅާ ގެންގުޅެވޭ ވަރުގެ ތަނެއް ކަމަށް އޭރު މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.