ބޭރުގެ ކުންފުންޏަކަށް ކ. ކާށިދޫން އެއް ހެކްޓަރުގެ ބިމެއް ހަވާލުކޮށްގެން ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓެއް ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރަން (ފުޑް ސެކިއުރިޓީއަށް) ކުރާ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމަށް ހުޅުވާލާނެ ސަރަހައްދުތައް ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށާއި ކާށިދޫން އެކަމަށް އެއް ހެކްޓަރުގެ ބިން ހާއްސަކޮށްފައިވާ ކަމަށެވެ. އެ ބިން މިހާރު އޮތީ ބޭރުގެ ކުންފުންޏަކަށް އެވޯޑްކުރުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓް ވެގެންދާނީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގައި ހިންގޭ ހަމަ އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި،" ޝިޔާމް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވި ގޮތުގައި ކާށިދޫގެ އިތުރުން، ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރަން ސަރުކާރުން ފާހަގަކޮށްފައިވާ އެހެން ސަރަހައްދުތަކުގައި އެ ފަދަ ޕްރޮޖެކްޓްތައް ހިންގަން ވެސް ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައި އެބަހުއްޓެވެ. އެފަދަ ބައެއް ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ބައެއް ފަރާތްތަކަށް މިހާރު އެވޯޑްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްތައް ހަވާލުކުރާ އިރު ވަކި ބާވަތްތަތަކެއް ހައްދަން ޝަރުތުކުރާ ކަމަށާއި ބޭނުމަކީ ރާއްޖެއަށް އިމްޕޯޓްކުރަން ޖެހޭ ބާވަތްތައް މަދުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ދަނޑުވެރިކަމުން އުަފައްދާ ބައެއް ބާވަތްތައް އިމްޕޯޓްކުރަން ނުޖެހޭ ހިސާބަށް ގެންދެވޭތޯ މަސައްކަތްކުރި ނަމަވެސް މިހާރު ރާއްޖެއަށް ގާތްގަނޑަކަށް ހުރިހާ ބާވަތެއްހެން ގެންދަނީ އެތެރެކުރަމުންނެވެ. ރާއްޖެއަށް އެތެރެކުރަން ނުޖެހޭނެއޭ ހީވާ ބާވަތްތައް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކާއްޓާއި ކަނޑު މަސް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.