19 އެޕްރީލް 2017 - 16:25

ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ބޯޑު ކުޑަކޮށް، އެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނު ކުރިން އޮންނަ ގޮތުން ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ހޮވާ ހަ ކައުންސިލަރަކާ އެކު ނުވަ މެމްބަރަކު އެލްޖީއޭ ބޯޑުގައި ތިއްބަވާނެ އެވެ. އެކަމަކު މިއަދު ތަސްދީގުކުރި އިސްލާހުގައި ވަނީ ކައުންސިލަރުން އެ ބޯޑުގައި ނުހިމެނޭ ގޮތަށް ހަދައި، ދެން ތިބޭ މެމްބަރުންގެ އަދަދު ފަހަކަށް ދަށްކޮށްފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ދެން ތިބޭނީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ގަނަވަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ބޭފުޅެއް އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. އެ ހުރިހާ ބޭފުޅުން ވެސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިސްލާހުގައިވެ އެވެ.
ކުރިން އޮންނަ ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސަކީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިޚާބުކުރާ ދެ މަގާމު ނަމަވެސް މި އިސްލާހުގެ ދަށުން އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.
ސަރުކާރުގެ ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ފާސްކުރި އެ އިސްލާހަށް އިދިކޮޅު މެމްބަރުން ދެކޮޅެވެ.