ކެއާ ސޮސައިޓީގެ ކުރީގެ ހިންގުންތެރިޔާ ފާތިމަތު އާފިޔާ ހުންނެވީ ނުވަ އަހަރުގެ ޒީވާ އަހްމަދު ސިނާންއާ އަލުން ބައްދަލުވުމުގެ އުއްމީދުގަ އެވެ. އެކަމަކު އެ ފުރުސަތު ނުލިބި ޒީވާ ނިޔާވި ހަބަރުން އޭނާއަށް ލިބިވަޑައިގަތީ ޝޮކެކެވެ. ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެނިކޮށް ޒީވާ ނިޔާވީ މިއަދެވެ. 

އާފިޔާ ފޭސްބުކްގައި ހިއްސާކުރެއްވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕަބްލިކް ސްޕީކިން ޕްރޮގްރާމެއްގައި ޒީވާ ބައިވެރިވެ އެ ކުލާހުގައި އެކުގައި ހޭދަވި ވަގުތުކޮޅުގެ ބައެއް ހަނދާންތަކެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި ޒީވާއަކީ އެންމެންނާ ގުޅޭ ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. 

"އޭނާ [ޒީވާ] ދެން އެނބުރި ނާންނާނެ ކަން ގަބޫލުކުރަން ވެސް ދަތިވޭ،" އާފިޔާގެ ފޭސްބުކް ޕޯސްޓުގައި ވެ އެވެ. 

އޭ-ފޯކަސް އެކަޑެމީގެ ނަމުގައި މީހުން ބިނާކުރުމާއި ލީޑަޝިޕްގެ ހުނަރުތައް ދަސްކޮށްދޭ އަމިއްލަ އެކަޑެމީއެއް މާލޭގައި މިހާރު ހިންގަވާ އާފިޔާ ވިދާޅުވި ގޮތުގައި، ޒީވާއަކީ ވަރަށް ހަރަކާތްތެރި، "އެނާޖެޓިކް" އަދި ހުށިޔާރު ކުއްޖެކެވެ. ޒީވާ އެ ކުލާހުގައި ބައިވެރިވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ޒީވާގެ ދިރިއުޅުމުގެ ވާހަކަތައް ވެސް އާފިޔާއާ ހިއްސާކުރި އެވެ. 

"އަހަރެމެންގެ ސްޕީކިން ޕްރޮގްރާމަށް ފަހު ވަގުތުން ކަހަލަ ގޮތަކަށް އޭނާގެ ބަހުސް މުބާރާތެއް އޮތް. އޭނާގެ ބައްޕަ އެދުނީ އޭނާއަށް އެންމެ ރަނގަޅު ގޮތްވުމަށް. އަދި އަހަރެމެންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނު. އަހަރެމެންގެ ޕްރޮގްރާމްގައި ނަމާދުކުރުމުގެ ބައި ހިމެނިފައި ވާތީ އޭނާގެ ބައްޕަ އެކަން ވަރަށް ބަލައިގަތް،" އާފިޔާ ވިދާޅުވި އެވެ. 

އާފިޔާގެ ކުލާސް ވަރަށް ކަމުދިޔަ ކަމަށް ބުނެ ޒީވާ ހިމެނޭހެން އެ ކުލާހުގެ ދަރިވަރުން ވަނީ ބޯޑުގައި ވަރަށް ރީތީ މެސެޖެއް ވެސް ލިޔެފަ އެވެ. އެ މެސެޖު ފެންނަ ފޮޓޯއެއް އާފިޔާ ފޭސްބުކްގައި ހިއްސާކުރެއްވި އެވެ.

"ބައި ބައި ފްރޮމް، ޒީވާ،" އެ ކުލާސް ވަރަށް ކަމުދާ ކަމަށް ބުނެ ސްމައިލީ ފޭސްއަކާ އެކު ޒީވާގެ މެސެޖުގައި ލިޔެފައި ވަނީ މިހެންނެވެ. 

ބޯޑުގައި ލިޔެފައި އިން މެސެޖުގެ ފޮޓޯ ނެގިފައި އޮތުމުން މިއަދު ވަރަށް އުފާވި ނަމަވެސް، އެ ދުވަހު ކުދިންނާ އެކު ފޮޓޯއެއް ނެގުނު ނަމައޭ ހިތަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޒީވާގެ ބައްޕަ އޭނާ ދެކެ ވަރަށް ލޯބިވޭ. އަދި އަހަރެމެންގެ ސްޕީކިން ޕްރޮގްރާމަށް އޭނާ ގެނައީ ވެސް އޭނާގެ ބައްޕަ. ޒީވާ އަބަދުވެސް އޭނާގެ ބައްޕައަށް ވަރަށް ތައުރީފުކޮށް ވާހަކަދައްކާ. އަބަދުވެސް ކްލާހަށް ވަރަށް އަވަހަށް އާދޭ. އެހެންވެ އަހަރެމެންނަށް ވާހަކަދައްކާލަން އިތުރު ވަގުތު ވެސް ލިބޭ،" އާފިޔާ ވިދާޅުވި އެވެ. 

މާލެ އުފަން ޒީވާއަކީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އައި ކުއްޖެކެވެ. ބިލަބޮންގް ސްކޫލުން ބޭއްވި އެކި ފެއާތަކާއި މުބާރާތްތަކުގައި އޭނާއަށް އެކި ވަނަތައް ވެސް ލިބިފައިވެ އެވެ. 

ޒީވާގެ ޖަނާޒާ ވަނީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ. 

ޒީވާއަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި އެކްސިޑެންޓެއްގަ އެވެ. އެ ރޭ ނުވައެއް ޖަހާކަށްހާއިރު އެކްސިޑެންޓުވިއިރު، ސައިކަލް ފަހަތުގައި އިން ޒީވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ. އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އޭނާއަށް ފަރުވާދެމުން އައީ ވެސް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ. 

އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ވިނަރެސް ހަތެއްގެ ކައިރިއަށް މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ، ޒީވާގެ ބޮޑުދައިތަ އެވެ. އޭނާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.