ސްރީ ލަންކާގެ ކޮލަމްބޯ ޕޯޓަށް ބޭލި ކޮންޓެއިނަރަކުން 471 ކިލޯ ޑްރަގް ފެނުނު މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ތިން މީހަކާއި ސްރީ ލަންކާގެ ދެ މީހެކެވެ.
މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޮލަމްބޯއިންނެވެ. ހައްޔަރުކުރި މީހުންގެ އުމުރަކީ 33، 44،، 36، 38 އަދި 51 އަހަރެވެ.
އެ ކޮންޓޭނަރުން ފެނިފައިވަނީ 471 ކިލޯގްރާމާއި 200 ގްރާމްގެ "އައިސް" (މެތަމްފެޓަމީން) އެވެ. މީގެ މަގުމަތީ އަގު 8 ބިލިއަން ރުޕީސްއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ.
ލަންކާ ފުލުހުން ބުނި ގޮތުގައި މިއީ ތުވާލި ފަދަ ތަކެތި ރީ-އެކްސްޕޯޓް ކުރުމުގެ ޖޫން މަހު ޕާކިސްތާނުން ލަންކާއަށް އެތެރެކޮށްފައިވާ ކޮންޓޭނަރެކެވެ. އަދި ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއީ ސްރީ ލަންކާ މެދުވެރިކޮށް ކެމަރޫނަށް ގެންދަން އުޅުނު މަސްތުވާތަކެތި ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ކޮޅުނބު ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އާއި، ސްރީލަންކާ ކަސްޓަމްސް އަދި ޕޮލިސް ނާކޮޓިކްސް ބިއުރޯ ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
ކަނޑާއި، ވައިގެ މަގުން އަދި ބަނދަރުތައް މެދުވެރިކޮށް ކުރާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސްރީ ލަންކާގެ ކަސްޓަމްސް، ޕޮލިސް ނާކޮޓިކްސް ބިއުރޯ، ކަނޑުގެ ސިފައިން އަދި ވައިގެ ސިފައިން ގުޅިގެން ވަނީ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
ކަނޑުގެ ސަރަހައްދުގައި ސިފައިންގެ ފާރަވެރިކަން ވަރުގަދަކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ނެޓްވޯކްތަކުން ވަނީ ވިޔަފާރި ކާގޯ އުޅަނދުފަހަރުގެ މަގުތައް ބޭނުންކުރަން ފަށައިފަ އެވެ. ކޮލަމްބޯ ފަދަ ސަރަހައްދީ ބަނދަރުތައް މެދުވެރިކޮށް ކޮންޓޭނަރުތަކުގައި މަސްތުވާތަކެތި އެހެން ގައުމުތަކަށް ފޮނުވުން ވަނީ އިތުރުވެފަ އެވެ.