މިދިޔަ ވޯލްޑް ކަޕްގައި، އެ ކުޅުންތެރިޔެއްގެ ވަށައިގެން ސިޔާސީ ބަހުސެއް އުފެދުނު ފޯވާޑް ފޮލާރިން ބަލޮގަން އެވަޓަންއަށް ސޮއިކުރަން ތައްޔާރު ވެއްޖެ އެވެ.
އެމެރިކާގެ ގައުމީ ޓީމުގެ ފޯވާޑް މިހާރު ކުޅެމުންދާ، މޮނާކޯގެ އޮފިޝަލަކު ބުނީ، ބަލޮގަން އެވަޓަންއަށް ވިއްކާލާން ނިންމާފައިވާކަމަށެވެ. އޭނާގެ ޓްރާންސްފާގެ ޖުމުލަ އަގަކީ 50 މިލިއަން ޕައުންޑް ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ. އެއީ އޭނާ އިތުރު ބޯނަސްތައް ވެސް ހިމަނައިގެންނެވެ.
ކުރިން އާސެނަލަށް ވެސް ކުޅުނު ބަލޮގަން، 25، ވަނީ މިދިޔަ ވޯލްޑް ކަޕްގައި އެމެރިކާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ވަނީ ހަތަރު މެޗުން ތިން ގޯލު ޖަހައި، ޓީމު ގަދަ 16 އަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެކަމަކު ވޯލްޑް ކަޕް ތެރޭގައި އޭނާއާ ގުޅުވައިގެން ސިޔާސީ ބަހުސެއް އުފެދުނީ އޭނާ އަށް ދެއްކި ރަތް ކާޑާއި ސަސްޕެންޝަށް، އުވާލަން ފީފާއިން ނިންމުމުންނެވެ. ފީފާއިން އެކަން ނިންމުމުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެ ވަޑައިގަތެވެ.
ޓްރަމްޕް ވެސް ވަނީ ބަލޯގަންގެ ސަސްޕެންޝަނަށް ލުއި ދިނުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް، އޭނާ ގުޅުއްވި ކަމަށް ވިދާޅުވެފަ އެވެ.
އެ މައްސަލައިގައި، ގަދަ 16 ގައި އެމެރިކާއާ ދެކޮޅަށް ކުޅުނު ބެލްޖިއަމުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި ފީފާގެ ނިންމުން އިސްތިއުނާފަށް ހުށަހެޅި އެވެ. ނަމަވެސް އިސްތިއުނާފުގައި ބެލްޖިއަމަށް ކާމިޔާބެއް ނުވި އެވެ.