ބިދޭސީންގެ ވަޒީފާތައް ކެޓަގަރީކޮށްފައިވާ ލިސްޓަށް ގެނައި ބަދަލުތައް، ކަންބޮޑުވުންތަކާ ހެދި އަލުން ބަދަލުކޮށްފި އެވެ.

އެކްސްޕެޓު ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަން ލިސްޓުގައި ސިއްހީ ދާއިރާގެ ޕްރޮފެޝަނަލް ގިނަ ކެޓަގަރީތަކެއް ފަންނީ ނޫން ގިންތިއަށް ބަދަލުކުރި ކަމުގެ ކަންބޮޑުވުންތައް ބޮޑުވި އެވެ. އޭގެ ތެރޭގައި މެޑިކަލް ބައެއް ސަބް-ސްޕެލިޓީ، ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް އިމޭޖިނިން ޓެކްނީޝަނުން ހިމެނެ އެވެ. 

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ އޮކިއުޕޭޝަން ކެޓަގަރައިޒޭޝަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ބެލެހެއްޓި އެ ސިސްޓަމް، ހޯމްލޭންޑު ސެކިއުރިޓީގެ ދަށަށް ބަދަލުކުރިއިރު ވެސް އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ފާއިތުވި ހަތަރު އަހަރު ވެސް އެގޮތަށް ކެޓަގަރައިޒޭޝަން އޮތީ. ބޮޑަށް ބެލެވެނީ އެރާއަކުން ކަން އެގޮތަށް ހެދިފައި އޮތީ." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ އެދުމުގެ މަތިން، މިދިޔަ ހޮނިހިރު އެކްސްޕެޓު ސިސްޓަމުން ކެޓަގަރައިޒޭޝަނަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ޕްރޮފެޝަނަލް އަދި ނޮން-ޕްރޮފެޝަނަލް ކެޓަގަރައިޒްކުރި ލިސްޓަށް ބަދަލުތައް ގެނައި ނަމަވެސް، މީގެ ކުރިން ޕްރޮފެޝަނަލް ކެޓަގަރީން ވޯކް-ޕާމިޓު އަދި ވިސާ ނަގާފައި ތިބި މީހުންނަށް އަލުން އެ ހުއްދަތައް އާކުރެވޭނެ އެވެ. މައްސަލަ ދިމާވާނީ، އޭރު ހުއްދަ ނެގި މީހުން، އިތުރު މުވައްޒަފުން ނަގާއިރު ކުރިން ކޯޓާ ހޯދި މީހުންގެ މައުލޫމާތު ވެސް ހުށަހަޅާ ހިސާބުންނެވެ. 

ކެޓަގަރައިޒޭޝަން ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް ހެލްތު ޔޫނިއަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ، އެ ބަދަލާ ގުޅިގެން ޕްރޮފެޝަނަލް ކެޓަގަރީގެ މީހުންނަށް ލިބެމުން ދިޔަ މުހިއްމު އިނާޔަތްތައް އުނިވެގެން ގޮސްފައިވާ ކަމަށެވެ. 

ޑިޕެންޑެންސީ ވިސާ އަދި ގައުމަށް ފައިސާ ފޮނުވުމުގައި (ރެމިޓެންސް) ލިބޭ މަތީ ލިމިޓްތަކަކީ، އެ މީހެއްގެ ދާއިރާއަކުން ލިބެމުންދިޔަ ލުއިތަކެކެވެ. 

އަލަށް ގެނައި ބަދަލާއެކު ޑިޕެންޑެންޓް ވިސާ އާ ނުކުރެވޭތީ އެ އާއިލާތައް ވަކިވެ، އަނބިދަރިން ފޮނުވާލަން މަޖުބޫރުވުމުން ދިރިއުޅުމަށާއި ދުޅަހެޔޮކަމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ބުންޏެވެ. 

"މިކަމުގެ ސަބަބުން މިހާރު ވެސް ބިދޭސީންނަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ސިއްހީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާނެ. އަދި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށާއި މެދުކެނޑުމެއްނެތި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅިގެންދާނެ،" ހެލްތު ޔޫނިއަނުން ބުނެފައިވެ އެވެ.