ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓުގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަމުންދިޔަ ޒީވާ ސިނާން އަހުމަދު އެވެ.
ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު އެކްސިޑެންޓުވިއިރު، ސައިކަލް ފަހަތުގައި ޒީވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާ އަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ.
އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ އަށް ފަރުވާދެމުން އައީ ވެސް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ.
އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެކްސިޑެންޓް ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ވިނަރެސް ހަތެއްގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ، ހާލު ސީރިއަސްވި ޒީވާގެ ބޮޑުދައިތަ އެވެ. އޭނާ އަށް ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.
އެކްސިޑެންޓްވުމާ އެކު ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފަ އެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.