19 އެޕްރީލް 2017 - 16:13

އިސްލާމްއާބާދު (އެޕްރީލް 19) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުތަކުގެ ތަހުގީގަށް ފަހު ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކުރާ ހުކުމެއްގެ ސަބަބުން ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފުގެ މަގާމު ގެއްލުމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޮޑު ވަޒީރުގެ މަގާމު ނަވާޒް ޝަރީފަށް ގެއްލިއްޖެ ނަމަ ޕާކިސްތާނުގެ ސިޔާސީ މަޝްރަހު އިތުރަށް ހަލަބޮލިވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ޕެނަމާ ޕޭޕާސްގައި ނަވާޒް ޝަރީފުގެ އާއިލީ ބައެއް ބޭފުޅުންގެ ވިޔަފާރީގެ ވާހަކަތައް ހިމަނާފައިވީ ނަމަވެސް ނަވާޒް ޝަރީފް ވަނީ އެމަނިކުފާން އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފުގެ އާއިލީ ބޭފުޅުންގެ ވިޔަފާރިއާ ގުޅޭ މައްސަލަ ބަލަން ނިންމައިފަ އެވެ.
ޕެނަމާ ޕޭޕާސްގެ މައްސަލައިގައި ނަވާޒް ޝަރީފުގެ މައްސްހަލަތު އޮތް މައްސަލަ ނުބަލައިފި ނަމަ މަގުތަކުގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ލީޑަރު އިމްރާން ޚާން ވަނީ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ މާދަމާގެ ނިންމުމުގައި ތަފާތު ފިޔަވަޅުތައް އަޅައިފާނެ ކަމަށް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި ނަވާޒް ޝަރީފުގެ ކުށެއް ނެތް ކަމަށް ނިންމުން ނުވަތަ އެ މައްސަލަ އިތުރަށް ބެލުމަށް ޖުޑިޝަލް ކޮމިޝަނެއް ހަދަން އެންގުން ނުވަތަ މަގާމުގައި ހުރުމުގެ ސައްހަކަން ނެތް ކަމަށް ކަނޑައެޅުން ހިމެނެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގިލާނީގެ މަގާމު 2012 ވަނަ އަހަރު ވަނީ ގެއްލިފަ އެވެ.
ނަވާޒް ޝަރީފުގެ މުސްލިމް ލީގުގެ ސީނިއާ ލީޑަރެއް ކަމަށްވާ ތަލާލް ޗައުދަރީ ވިދާޅުވީ ބޮޑު ވަޒީރުގެ މަގާމު ގެއްލޭ ގޮތަށް ހުކުމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އިމްރާން ޚާންގެ ތަހުރީކީ އިންސާފު ޕާޓީގެ ތަރުޖަމާން ނައީމުލް ހައްގު ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާނީ ނަވާޒް ޝަރީފާ ދެކޮޅަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެ މީހުން މާޔޫސްވާ ގޮތަށް ހުކުމް ކުރި ނަމަވެސް މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމްރާން ޚާން ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ގަބޫލް ކުރާނެ ކަމަށް ވިދާޅުވެފައި. އެކަމަކު ނަވާޒް ޝަރީފް މަގާމު ގެއްލޭވަރަށް ހެކި ވަނީ ހުށަހަޅާފައި. އެހެން ކަމުން ހުކުމް އަންނާނީ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް،" ޗައުދަރީ ވިދާޅުވި އެވެ.
ޕެނަމާ ޕޭޕާސް އިން ވަނީ ނަވާޒް ޝަރީފުގެ އަންހެން ދަރިކަނބަލަކާއި ފިރިހެން ދެ ބޭފުޅުން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ވިޔަފާރި ކުރަމުންދާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުން ބިން ގަނެ ވިޔަފާރި ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ނަވާޒް ޝަރީފް މިދިޔަ އަހަރު ވިދާޅުވީ އެމަނިކުފާނުގެ އާއިލާ އިން ވިޔަފާރި ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އާއިލީ ވިޔާރި ވަނީ އެމަނިކުފާނު ސިޔާސީ ދާއިރާ އަށް ވަނުމުގެ ކުރިން ވެސް ފަށާފައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ޚާން ވިދާޅުވެފައި ވަނީ ނަވާޒް ޝަރީފުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނިތަކުން ގައުމުން ބޭރުގައި ކުރާ ވިޔަފާރިއާ ބެހޭ ގޮތުން ނަވާޒް ޝަރީފުގެ ވަކީލުން ވާހަކަ ދައްކަނީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ. އަދި އެ ކުންްފުނިތައް މެދުވެރިކޮށް މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުކުރާކަން ނަވާޒް ޝަރީފް ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އިމްރާން ޚާން ވަނީ ވިދާޅުވެފަ އެވެ.