ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލު ރައީސް  މިއަދު ތަސްދީގުކުރެއްވީ އެ ބިލާއި އެހެން ހަ ބިލެއް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގަ އެވެ. 

ބިލްތައް ތަސްދީގުކުރެއްވުމަށް ފަހު އެ ގާނޫނުތައް ގެންނަން ޖެހުނު ސަބަބުތަކުގެ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަކީ އިމާރާތްކުރުމުގެ މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ. 

"އެހެން މި ދަންނަވާ ސަބަބަކީ މިއިސްލާހުގެ ސަބަބުން، ވިތުހޯލްޑިން ޓެކްސްއަށް މި ގެނައި ބަދަލާ އެކީގައި ބޭރުގެ ކުންފުނިތަކަށް ވަކި އިތުރު އެޑްވާންޓޭޖެއް ނުލިބޭނެ، ކޮންޓްރެކްޓްތައް ހޯދުމުގައެއް. ދިވެހި ކުންފުނިތަކާ ބޭރު ކުންފުނިތަކާ ކޮމްޕެޓިޓިވް ވާނެ މިހާރު،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ އެގޮތަށް އެކަން ނުކުރާ ނަަމަ ކޮންޓްރެކްޓްތައް ހޯދަން ބޭރުގެ ކުންފުނިތަކަށް މާ ފަސޭހަ ކަމަށެވެ. 

އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ ބިލު ފާސްކުރީ 54 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ ތެރެއިން ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ. 

އެ ބިލުގެ ތައާރަފް ގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ.

މި ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބިލުގައި އަންދާޒާކޮށްފައި ވެ އެވެ.

ވިތުހޯލްޑިން ޓެކުހަކީ ބޭރުގެ ކޮންޓްރެކްޓަރަކަށް ދިވެހި ވިޔަފާރިއަކުން ފައިސާއެއް ދައްކާ ނަަމަ، އެ ދައްކަން ޖެހޭ އަގުގެ ތެރެއިން އުނިކޮށްގެން ނަގާ ޓެކުހެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެ ފައިސާ ދައްކާނީ ދިވެހި ކުންފުނިންނެވެ.

ބިލުގައި ހުށަހަޅާފައި އޮތީ އެގޮތަށް ނަގާ ޓެކްސް ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން އެ ގާނޫނުގެ 55 ވަނަ މާއްދާ ބަދަލުކުރުމާ އެކު އެއާ ގުޅިގެން އެ ގާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.