އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބީއެމްއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) އައިޝަތު ޒަމްރާ ޒާހިރު ހަމަޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގެން ނަމަވެސް، އަދިވެސް ހުންނެވީ ބީއެމްއެލްގެ ސީސީއޯގެ މަގާމުގަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ މިދިޔަ ޖުލައި 16 ގަ އެވެ.
ކުންފުނިތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސް ނެރުއްވި ގަރާރަކުން އެ ކުންފުނި އުފެއްދެވީ، އައްޑޫ ހަންކެޑެ މަޝްރޫއު ރާވައި، ހިންގުމާއި އެ މަޝްރޫއުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެ ކުންފުންޏާ ހަވާލުކުރުމަށެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީ ކުރުމަށެވެ. އަދި އައްޑޫގެ ޓޫރިޒަމް ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، އެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑު އަށް ހަމަހަމަކަމާ އެކު، ފޯރުކޮށްދިނުމާއި އެ ދާއިރާގައި އައްޑޫގެ ބައިވެރިވުން އިތުރުކުރުމަށް ވެސް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.
މީގެ ކުރިން ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދިޔައީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުންނެވެ.
އެ ކުންފުނިން ކުރިން ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު، ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާން ކޮށްފައިވެ އެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތްތައް އަދި މިހާތަނަށް ފަށައިފައެއް ނުވެ އެވެ.
ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލު ކުރި މަސައްކަތް ކުރިއަށް ނުދިޔައީ ކުންފުންޏަށް ފައިސާ ހަމަނުޖެހިގެން ކަމަށާއި އެކަން ކުރެވޭތޯ ދޮޅު އަހަރު ދުވަސް ވަންދެން މި ސަރުކާރުން މަސައްކަތް ކުރި ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އެ އެގްރީމެންޓް ބާތިލް ކުރީ އިތުރަށް އެ މަސައްކަތް ލަސްކުރަން ބޭނުން ނުވާތީ އެވެ.
އަލަށް އުފެއްދި ކުންފުނިން ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވަނީ ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަލާލް ޓޫރިޒަމް ކޮންސެޕްޓަށެވެ.