ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ މަޝްވަރާކޮށްފި އެވެ. 

ފުލުހުން ބުނީ ހުޅުމާލޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވަނިކޮށް ބޭއްވި އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ. 

ހުޅުމާލެ 1 ގެ ޕޮލިސް ސްޓޭޝަނުގައި ބޭއްވި އެ ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓްރު އިބްރާހީމް ހަލީލް އާއި ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އަހްމަދު ހަނީފް އާއި އެހެނިހެން ފުލުހުންގެ އިތުުރުން އެޗްޑީސީގެ ޕްލޭނިން ހެޑް އަހްމަދު ޝާހިދު އާއި އެޗްޑީސީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން ބުނީ އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާ ދާއިރާއެއްގައި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް އެ ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވުނެވެ. އެ ދާއިރާތަކަކީ އިންޖިނިއަރިން އާއި އެންފޯސްމަންޓް އަދި އެޑިއުކޭޝަން އެވެ. 

މަޝްވަރާ ކުރި ކަންކަން 

  • ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުން
  • ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުން
  • ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުން
  • ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށް ވުރެ ހަރުދަނާކުރުން
  • ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުން
  • މަގުތަކުގެ ކަންމައްޗާއި ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުން
  • އުޅަނދު ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން

ހުޅުމާލެ 2 ގައި ހުންނަ ވިނަރެސް 7 ގެ ކުރިމަތީގައި މިދިިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އެ ކުއްޖާއަށް އައިޖީއެމްއެޗުގެ ވެންޓިލޭޓާރުގައި އަންނަނީ ފަރުވާދެމުންނެވެ. އެ ކުއްޖާ އިން ސައިކަލު ދުއްވަން އިން އޭނާގެ ބޮޑުދައިތައަށް ވެސް އެ އެކްސިޑެންޓުގައި ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ދައްކާ ގޮތުން، އެ އެކްސިޑެންޓް ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ވިނަރެސް 7 ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.