މިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 44 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.
ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 44.2 ޕަސެންޓު އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 12.04 މިލިއަން ރުފިޔާ އެވެ.
މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ބައެއް، 1.75 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.48 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250ރ. އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950ރ. ދޫކޮށްފައިވެ އެވެ.
ޒަކާތު ހައުސް އިން ވަނީ މުދަލު ޒަކާތުގެ ނިސާބަށް ވެސް މި މަހު ބަދަލު ގެނެސްފަ އެވެ.
މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު ކަމަށް ވާތީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 32.38 ލާރީގެ ރޭޓުން 595 ގްރާމަށްވާ 19،266.10ރ. ކަމަށް ޒަކާތު ހައުސް އިން ކަނޑައަޅާފައިވެ އެވެ.